އެމެރިކާ އިން އިއްޔެ ކޮވިޑް-19 ޖެހިގެން އިތުރު 4،374 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެމެރިކާ އިން 188,426 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ކޮވިޑް-19 ޖެހިގެން 4,374 މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް ދެ ވަނައަށް އެންމެ ގިނަ މީހުން އެ ގައުމުން މަރުވެފައިވާ ދުވަހެވެ.

އެ ގައުމުން އެންމެ ގިނަ މީހުން އެއް ދުވަސް ތެރޭ މި ބަލި ޖެހިގެން މަރުވެފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން 4،482 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އަދިވެސް އެންމެ ހާލަތު ގޯހީ ކެލިފޯނިއާގައެވެ. ކެލިފޯނިއާ އިން އިއްޔެ ވެސް 19،995 މީހަކު ފައްސިވެ، 590 މީހުން ވަނީ މަރުވެފައެވެ.

އެ ގައުމުން މިހާތަނަށް މި ބަލި ޖެހިގެން 14,968,716 ރަނގަޅުވެފައިވާ އިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 9,614,365 މީހަކަށެވެ. އޭގެ ތެރެއިން 28,198 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައީސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރަން އަދިވެސް ގިނަ ސްޓޭޓްތަކުން ވަރުގަދަ ފިޔަވަޅުތަކެއް ނާޅައެވެ. ނަމަވެސް އެ ގައުމުގައި އަލަށް ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯ ބައިޑެން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ނިޝާންތައް ދެއްވައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު ރައްޔިތުންނަށް އާ ކޮށްދީފައެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ލަފާކުރި ވަރަށް ވުރެ ލަސް ދުވެއްޔެއްގައެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދޭން އެމެރިކާ އިން އަމާޒު ހިފި ނަމަވެސް އަދި ވެކްސިން ދެވުނީ 5.3 މިލިއަން މީހުންނަށެވެ. މިހާރު 17.2 މިލިއަން ޑޯޒްގެ ވެކްސިން ވަނީ އެމެރިކާގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު