ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،382 މީހަކު މަރުވެއްޖެއެވެ.

ބްރެޒިލް އިން އިއްޔެ ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ކޮވިޑް-19 ޖެހިގެން އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 212,893 އަށް އަރައިފައެވެ. އެގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ގައުމުން 1،554 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑް-19 އާ ބެހޭ މައުލޫމާތުތައް ހާމަކުރާ ބައިނަލްއަގްވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، އިއްޔެ އެކަނިވެސް ބްރެޒިލް އިން އިތުރު 64,126 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު މިހާރު ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 8,639,868 އަށް އަރާފައެވެ.

އެންމެ ގިނަ ބަޔަކަށް އެއްދުވަސް ތެރޭ އެގައުމުން ބަލި ޖެހިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ 87،134 އެވެ.

ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 7,564,622 މީހެކެވެ. އަދި މިވަގުތު 862,353 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 8,318 މީހުންނަށް އެ ގައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މިބަލީގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމެއްގެ ގޮތުގައި އޮތް ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެ ގައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 219 ގައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 97 މިލިއަނަށް ވުރެ މަތީގައި އުޅޭއިރު، އޭގެތެރެއިން 2,083,326 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު