ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޖަރުމަންވިލާތުން އިތުރު 1052 މީހަކު މަރުވެއްޖެއެވެ.

ޖަރުމަންވިލާތުން އިތުރު 1052 މީހަކު މަރުވެފައިވާއިރު، ފާއިތުވި ތިން ދުވަހުވެސް އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 1000 އިން މަތީގައެވެ.

ޖަރުމަން ވިލާތަކީ ދުނިޔެއިން 10 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ކަަހަލަ ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 10،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުގައި ދައްކާގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން ޖުމްލަ 49,244 ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު 29 ވަނަ ދުވައެވެ. އެދުވަހު އެގައުމުން 1،244 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން 12,322 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީވެސް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 31،553 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,071,636 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 1,716,200 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 306,192 މީހަކަށެވެ.

ޖަރުމަންވިލާތުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ. އެ ގައުމުން މިހާރު ދަނީ ކޮވިޑް-19 ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ.