ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ގައުމުތަކަށް ފޮނުވަން ފަށައިފިއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާ އިން ބުނީ ކޮވިޝީލްޑްގެ ޝިޕްމަންޓެއް ހަދިޔާއެއްގެ ގޮތުގައި ބަންގްލަދޭޝް އާއި ނޭޕާލް އަށް ފޮނުވާފައިވާ ކަމަށެވެ. ކޮވިޝީލްޑްގެ 100،000 ޑޯޒް އެންމެ ފުރަތަމަ އިންޑިއާ އިން ފޮނުވާފައި ވަނީ ރާއްޖެއަށާއި ބޫޓާނަށެވެ.

ހާރިޖީ ވުޒާރާގެ ތަރުޖަމާނު އަނޫރާގް ސިރިވަސްތަވާ ވިދާޅުވީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން އުފެއްދި ވެކްސިންގެ ދެ މިލިއަން ޑޯޒް ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނޭޕާލް އަށް ވެކްސިންގެ އެއް މިލިއަން ޑޯޒް ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އިން ވަނީ ވެކްސިން މިޔަންމާ އާއި ސީޗެލްސްއަށް ވެސް ފޮނުވަން ނިންމައިފައެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ބޭހާއި ވެކްސިން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ސަޕްލައިކުރާ ގައުމެވެ. އަދި އިންޑިއާއަކީ އެކި ކަހަލަ ވެކްސިންތައް ވެސް މީގެކުރިން އުފައްދަމުން އައި ގައުމެކެވެ. ދުނިޔޭގައި އުފައްދާ ވެކްސިންގެ ދެ ބައިކުޅަ އެއްބައި އުފައްދަނީ އިންޑިއާގެ ކުންފުނިތަކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު