އާ ހެކިތކެއް ފެނިއްޖެ ނަމަ ގެއްލިފައިވާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މައްސަކަތް އަލުން ފަށާނެ ކަމަށް ދާދި ފަހުން މެލޭޝިއާގެ ބޮޑުވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވި މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ނޫސްވެރިނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވީ ނުފެންނަށް އެއްޗެއް ހޯދުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. ނަމަވެސް އާ ހެކިތަކެއް ފެނިއްޖެ ނަމަ އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

ވައިގެ ދަތުރެއްގެ މެދުން ގެއްލޭ ފަދަ ގޮތަކަށް މަތިންދާބޯޓެއް އުފެއްދިކަމުގެ ޒިންމާ ބޯއިން ކުންފުނިން އުފުއްލަން ޖެހޭނެ ކަމަށް މަހާތީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚްގައި ވެސް ހިނގި އެންމެ ހައިރާން ކުރަނިވި ހާދިސާ ކަމަށްވާ މެލޭޝިއާގެ އެމްއެޗް 370 ގެއްލުމުގެ ހާދިސާ އަށް ހަތަރު އަހަރު ވެފައި ވާއިރު އެމްއެޗް 370 ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވިކަމަށް ނިންމާ މިހާރުވަނީ ހޯދުމުގެ މައްސަކަތް ހުއްޓާލާފައެވެ.

ހަތަރު އަހަރު ވަންދެން އެމްއެޗް 370 ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވިއިރު، ފްލައިޓަށް ވީގޮތެއް ވެސް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ. އެމެރިކާގެ އޯޝަން އިންފިނިޓީ އާއި ހަވާލުކޮށްގެން އެމްއެޗް 370 ހޯދަން ކުރި މަސައްކަތުން ވެސް ކުރިއެރުމެއް ނުލިބުމުން ފްލައިޓް ހޯދުމުގެ މަސައްކަތް ހުއްޓާލީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރު ފެބްރުއަރީ މަހު ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފްލައިޓް ގެއްލުނު އިރު ފްލައިޓްގައި 239 މީހުން ތިއްބެވެ.

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ޗައިނާ އާއި މެލޭޝިއާ އަދި އޮސްޓްރޭލިއާ ބައިވެރިގެން މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި ހަމައަށް ކުރިއެވެ. އެމަސައްކަތުގައި 710000 އަށް ކިލޯމީޓަރުގެ ސަރަހައްދެއް ބެލިއެވެ. ނަމަވެސް ނަތީޖާއެއް ނުފެނުމުން މަސައްކަތް ހުއްޓާލުމަށް ފަހު ދެން ފްލައިޓް ހޯދުމުގެ މަސައްކަތް ހަވާލު ކުރީ އެމެރިކާގެ އޯޝަން އިންފިނިޓީއާއި އެވެ.

އެމެރިކާގެ ކުންފުންޏަކީ ކަނޑު އަޑި ބެލުމަށް ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޓެކްނޮލޮޖީ ހުރި ކުންފުންޏެކެވެ. ނަމަވެސް އެކުންފުނިން ކުރި މަސައްކަތުން ވެސް އެއްވެސް ކާމިޔާބެއް ނުލިބުނެވެ.