ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ޕޮލޭންޑުން އިތުރު 419 މީހަކު މަރުވެއްޖެއެވެ.

ޕޮލޭންޑަކީ ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 14 ވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 5،000 އަށްވުރެ މަތީގައެވެ.

ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެގައުމުން އިތުރު 419 މީހަކު މި ބަލި ޖެހިގެން މަރުވެ ޖުމްލަ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 34،561 އަށް އަރާފައެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު އެގައުމުން މަރުވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 674 މީހަކު ވަނީ ބަި ޖެހިގެން މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން އިތުރު 7،152 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަދާއި އެކު އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،457،755 އަށް އަރާފައެވެ.

އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 1،215،732 މީހެކެވެ. އަދި މިވަގުތު 207،462 މީހަކަށް ފަރުވާ ދެމުން އަންނައިރު، 1،597 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ކަމަށް ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޕޮލޭންޑުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ.