ކޮވިޑް-19 ޖެހިގެން އިޓަލީއިން އިތުރު 521 މީހަކު މަރުވެއްޖެއެވެ.

އިޓަލީއިން މިއަދު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 84،202 އަށް އަރާފައެވެ. އެގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 993 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިޓަލީއިން އިތުރު 14،078 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު މިހާރު އެގައުމުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،428،221 އަށް އަރާފައެވެ.

އެންމެ ގިނަ ބަޔަކަށް އެއްދުވަސް ތެރޭ އެގައުމުން ބަލި ޖެހިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ 40،896 އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އިޓަލީ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 1،827،451 މީހެކެވެ. އަދި 2،418 މީހުންނަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އިޓަލީއަކީ ދުނިޔެއިން 7 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މިބަލީގައި ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. އެގައުމަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިޓަލީ ހިމެނޭހެން ދުނިޔޭގެ 219 ޤައުމަކާއި ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވެއެވެ.