ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،803 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް މެކްސިކޯއަކީ ދުނިޔޭގައި މި ބަލި ފެތުރިފައި އޮތް އެންމެ ނުރައްކާތެރި އެއް ގައުމެވެ. އެ ގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 146,174 އަށް އަރައިފައެވެ.

އިއްޔެއަކީ އެ ގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވާ ދުވަހެވެ. އިއްޔެ އެކަނި ވެސް އެ ގައުމުން 22,339 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 1,711,283 އަށް އަރައިފައެވެ. އިއްޔެއަކީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވި ދުވަހެވެ. މީގެކުރިން އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 21،366 އެވެ.

މެކްސިކޯގައި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 1,277,978 މީހުންނެވެ. އަދި 287,131 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާ އިރު، 5,652 މީހަކު ތިބީ ސީރިއަސް ހާލަތުގައެވެ.

ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް 98 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 69 މިލިއަން މީހުން ރަނގަޅުވެފައިވާ އިރު، ދެ މިލިއަން މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.