ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،335 މީހުން މަރުވެއްޖެއެވެ.

ބްރެޒިލުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު މަރުވި އިރު، އެ ގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 214,228 އަށް އަރައިފައެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ބްރެޒިލްގައެވެ.

ބްރެޒިލް އިން އިއްޔެ ވަނީ އިތުރު 59,946 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ގައުމުން މިހާތަނަށް އައިއިރު އަށް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ހަތް މިލިއަނަށް ވުރެ ގިނަ މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ.

މިވަގުތު ބަލި ޖެހިގެން ނުވަ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާ އިރު، 8،000 އަށް ވުރެ ގިނަ މީހުން ތިބީ ސީރިއަސް ހާލަތުގައެވެ. ބްރެޒިލްއަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި އޮތް އެއް ގައުމެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މިބަލީގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމެއްގެ ގޮތުގައި އޮތް ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެ ގައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 219 ގައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 98 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އިރު ބަލި ޖެހިގެން ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.