ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޗައިނާ އިން ޕާކިސްތާނަށް ފަސް ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފިއެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދް ގުރޭޝީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިން އިމަޖެންސީ ހާލަތުގައި ޕާކިސްތާންގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ޗައިނާ އިން ޕާކިސްތާނަށް ފަސް ލައްކަ ވެކްސިން ޑޯޒް ހަދިޔާ ކުރަން ނިންމުމާ ގުޅިގެން އެކަން ބަލައިގަންނަ ކަމަށް ވެސް ޕާކިސްތާންގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތުގައި ޗައިނާ އިން ވަނީ ބޮޑު އެހީތެރިކަމެއް ވެދީފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޗައިނާ އިން ދިން ވެކްސިނަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ހެލްތް މިނިސްޓްރީން ބުނީ ޕާކިސްތާނަށް ވެކްސިން ގެނައުމަށްޓަކައި ވެކްސިން އުފައްދާފައިވާ އެހެން ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ޕާކިސްތާނުން ވަނީ ދެ ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ޗައިނާ އިން އުފެެއްދި ވެކްސިނާއި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން އުފެއްދި ވެކްސިނެވެ. ހެލްތު މިނިސްޓްރީޏް ބުނީ ބޭނުން ކުރަން ހުއްދަ ދިން ދެ ވެކްސިނުގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    ސާބަހޭ ، ޗައިނާ ، ދިވެހިރާއްޖެއަށްވެސް ދެއްވައްޗޭ. އެކަމަކު މި އޮތް ސަރުކާރެއްދޯ؟ ކީއްކުރާނީ ، ދެން މަށަށް ކަމެއްކުރެޥެނީ ވޯޓެއްލާންލިބުނީމަ. ދައްކާނަން ސައިޒު އެމްޑީޕީއަށް # ސުކުރިއްޔާ

    18