އެމެރިކާގެ ލެޖެންޑްރީ ޓީވީ ހޯސްޓް ލެރީ ކިންގ މަރުވެއްޖެ އެވެ.

ލެރީ ކިންގ މަރުވިއިރު އޭނާެ އުމުރަކީ 87 އަހަރެވެ.

އޭނާއަކީ ސީއެންއެން ޓޯކް ޝޯވގެ ކުރީގެ ހޯސްޓެކެވެ. އޭނާ މަރުވެފައި ވަނީ ދާދި ފަހުން ކޮވިޑް-19 އަށް ފައްސިވެ އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އެނާގެ ކުންފުނި އޮރާ މީޑިއާ އިން ވަނީ އޭނާ މަރުވެއްޖެކަން ކަށަވަރުކޮށް ޓްވީޓެއް ކޮށްފައެެވެ.

މި މަހުގެ ކުރީކޮޅު އޭނާއަށް ލޮސް އެންޖަލަސްގެ ސެޑާރަސް-ސިނާއި މެޑިކަލް ސެންޓާރުގައި ފަރުވާ ދީފައިވެއެވެ. ދަ އެސޯސިއޭޓް ޕްރެސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ ވަނީ އައިސީޔޫއިން ނެރެފައެވެ.

އޭނާ ވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. އަދި މަޝްހޫރު އެތައް ފަންނާނުންނާއި، ރައީސުންެ އިންޓަވިއުވެސް ނަގާ، ހަބަރުތައްވެސް ގެނެސް ދީފައެވެ. އަދި އޭނާ ވަނީ 25 އަހަރު ވަންދެން ސީއެންއެންެ ލެރީ ކިންްގ ލައިވް ޝޯވ ގެނެސްދީފައެވެ. އެ ޝޯވ ވަނީ 1985 ވަނަ އަހަރުން ފެށިގެން 2010 އާ ހަމައަށް ގެނެސްދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ފަހުން އުޅުނީ ވަރަށް ބަލިކޮށެވެ. އޭނާއަށް ސިއްހީ އެތައް މައްސަލައެއް ދިމާވެން އުޅުނެވެ. އޭގެ ތެރޭގައި ހާޓް އެޓޭކްސް ޖެހުމާއި، ހަކުރު ބައްޔާއި ކެންސަރު ބަލި ޖެހިގެންވެސް ފަރުވާ ހޯދާފައި ވެއެވެ.

އޭނާ މަރުވެއްޖެކަން ހާމަކޮށް ނެރުނު ބަޔާނުގައި ވަނީ ޖަނާޒާ ކަންކަން ކުރިއަށްދާނެ އިރެއް ފަހުން ހާމަ ކުރާނެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރު ތެރޭގައި ލެރީގެ ތިބި ފަސް ކުދިންެ ތެރެއިން ދެ ކުދިން ވަނީ ކައިރި ކައިރީގައި މަރުވެފައެވެ. އެގޮތުން އޭނާގެ ފިރިހެން ދަރިފުޅު އެންޑީ ކިންގ އުމުރުން 65 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން މަރުވިއިރު، އަންހެން ދަރިފުޅު އުމުރުން 51 އަހަރުގެ ޗައިއާ ކިންގ ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ.