ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 491 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއިން އިތުރު 491 މީހަކު މަރުވެފައިވާއިރު، ފާއިތުވި ހަފްތާގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 400 އިން މަތީގައެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކުގައި ދައްކާގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން ޖުމްލަ 69،462 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު 24 ވަނަ ދުވައެވެ. އެދުވަހު އެގައުމުން 635 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން 21،127 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީވެސް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3،719،400 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 3،131،760 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 518،178 މީހަކަށެވެ.

ރަޝިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު