އަވަށްޓެރި އިންޑިއާ އާއި ޗައިނާ އަކީ ޒަމާނުންސުރެ ހުރިހާ ކަމެއްގައިވެސް ވާދަވެރި ދެ ގައުމެވެ. އަސްކަރީ ކަންކަމުގައިވެސް ކަން އޮތީ މިހެން ކަމުގައި ވާއިރު ދާދި ފަހުން މި ދެ ގައުމު ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިން މިވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

އިންޑިއާގެ އުތުރު ސިއްކިސަން ބޯޑަރުގައި ދެ ގައުމުގެ ސިފައިން ހަމަލާތަކެއް ބަދަލުކޮށްފައިވާކަން އިންޑިއާ އިން ހާމަ ކުރީ މިއަދުއެވެ. ނަމަވެސް މިކަން ހިނގާފައި ވަނީ މީގެ 3 ދުވަސް ކުރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

”މި ހާލަތު މިހާރު އޮތީ ކޮންޓްރޯލް ކުރެވިފަ. ޗައިނާ ސިފައިން އިންޑިއާގެ އެކި ހިސާބުތަކަށް މީގެ ކުރިންވެސް މިފަދަ ހަމަލާތައް ދީފަވޭ. އެންމެ ފަހުގެ ކުރިމަތިލުމުގަ ދެ ގައުމުގެ ސިފައިންނަށްވެސް ވަނީ އަނިޔާވެފަ." އިންޑިއާ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ޗައިނާ އިން މިހާރު ދަނީ އިންޑިއާގެ ބޯޑަރު ކައިރީގައި މީހުން އާބާދު ކޮށް، ޒަމާނީ ހަތިޔާރުތައް އެ ސަރަހައްދުގައި ބަހައްޓަމުންނެވެ. މި މައްސަލަތައް ކުރިމަތިވަމުން ދަނީ ބޯޑަރުގެ މައްސަލާގައެވެ.

2017 ވަނަ އަހަރު މި ދެ ގައުމުގެ ދެމެދުގައި 73 ދުވަަސް ވަންދެން ވަރުގަދަ ކުރިމަތިލުމެއް ހިނގި އިރު، އެފަހަރު ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރުވެސް ވަރަށް ބޮޑުވިއެވެ. އަދި މިދިޔަ އަހަރު އިންޑިއާގެ 20 ސިފައިން މިފަދަ ކުރިމަތިލުންތަކުގައި މަރުވެފައިވެސް ވެއެވެ.