އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ. ނިޕާ ވައިރަސް ޖެހިގެން އިންޑިޔާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 17 އަށް އަރާފައެވެ.

މިފަހަރު މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. މީނާ މަރުވެފައިވަނީ ކޮޑީކޯޑް މެޑިކަލް ކޮލެޖްގައި ފަރުވާ ދެމުން ދަނިކޮށެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިމީހާ ނިޕާ ވައިރަސްއަށް ފުރަތަމަ ޓެސްޓް ކުރި އިރު، ނެގެޓިވް ކަމަށް ދެއްކި ނަމަވެސް ނިޕާ ވައިރަހުގެ އަލާމާތްތަށް ދެވަނަ ފަރަށް ޓެސްޓް ކުރުމުން ނިޕާ ވައިރަހަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

އިއްޔެ އެކަނިވެސް ނިޕާ ވައިރަސް ޖެހިގެން އިންޑިޔާގެ 2 މީހަކުވަނީ މަރުވެފައެވެ. މަރުވެފައިވަނީ އުމުރުން 55 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

ނިޕާ ބައްޔަކީ މިބަލި ޖެހިފައިވާ މީހުންގެ ދަލުންނާއި ކުޅުން އަދި ކުޑަކަމުދާ އެއްޗެހިން ފެތުރޭ ބައްޔެކެވެ. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ. މިވައިރަސް ޖެހުމުގެ ސަބަބުން ސިކުޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ

އިންޑިއާގެ ކެރެލާގެ މިހާރު ހަލުވިކަމާއި އެކު ނިޕާ ވައިރަސް ފެތުރެމުން ދާތީ ކެރެލާ އަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ނުކުރަން އެސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަތުރުވެރިންނަށް ވެސް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު