ކޮވިޑް-19 އިން ރައްކާތެރިވުމަށް މޮރިޝިއަސްގައި ވެކްސިން ދިނުމުގެ ކެމްޕެއިން ޕްރޮގްރާމެއް ފަށައިފިއެވެ.

މޮރިޝިއަސްގައި ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ އިންޑިއާގެ އެހީތެރިކަމާއި އެކުއެވެ.

އިންޑިއާއިން އެ ގައުމަށް ހަދިޔާކޮށްފައި ވަނީ އެއްލައްކަ ވެކްސިން ޑޯޒެވެ. އިންޑިއާއިން ގައުމުތަކަށް ހަދިޔާ ކުރަން ފަށާފައި ވަނީ ކޮވިޝީލްޑް ވެކްސިން އެވެ.

އެ ވެކްސިންއަކީ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރު ކުރި، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ވެކްސިން އެކެވެ.

އެގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، އެންމެ ފުރަތަމަ އެގައުމުން ވެކްސިން ދީފައިވަނީ ސަޖާދް ހުސެއިން ގީލަނި ނަމަކަށް ކިޔާ ޑޮކްޓަރަކަށެވެ. އޭނާގެ ގަޔަށް ވެކްސިން ޖެހިއިރު، އެގައުމުގެ ގިނަ މީޑިއާތަކުން ނޫސްވެރިން ވަނީ އެތަނަށް އެއްވެފައެވެ.

މޮރިޝިއަސްއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 568 މީހަކު ރިޕޯޓް ކޮށްފައިވާއިރު، 10 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 525 މީހެކެވެ.

މޮރިޝިއަސްގައި ވެކްސިން ދޭން ފަށާފައިވާއިރު، މީގެ ކުރިން އެހެން ގައުމުތަކުން ވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކެއް ފަށާފައެވެ. އޭގެ ތެރޭގައި ރަޝިއާ، އިންޑިއާ، ގަތަރު ފަދަ ގައުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު