ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއަށް އިންޑިއާއިން ދޭ ޕަދްމަވިބުޝަން އެވޯޑް ދީފިއެވެ.

ޝިންޒޯގެ އިތުރުން އެ އެވޯޑު ވަނީ އިތުރު ހަ މީހަކަށް ވެސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތަމިލް ނާޑޫގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޝްރީ އެސް ޕީ ބަލަސުބްރާމަނިއަމް، ކާނަޓަކާގެ ޑޮކްޓަރެއް ކަމަށްވާ ބެއްލޭ މޮނައްޕާ ހެޖް، އެމެރިކާގެ އިންޖިނިއަރެއް ކަމަށްވާ ޝްރީ ނަރިންސްދަ ސިންގް ކަޕާނީ، ދިއްލީގެ މައުލާނާ ވަހީދުއްދީން ހާން، ދިއްލީގެ އާކިއޮލޮޖިސްޓެއް ކަމަށްވާ ޝްރީ ބީ.ބީ ލާލްގެ އިތުރުން އޮޑިޝާ ޕްރިވިންސްގެ ކުރެހުމުގެ ދާއިރާއިން މަޝްހޫރުވި ޝްރީ ސުދާޝަން ސަހޫއެވެ.

ޕަދްމާ އެވޯޑަކީ 1954 ވަނަ އަހަރު ތައާރަފް ކުރި އެވާޑް ތަކެކެވެ. މި އެވާޑްތައް ތިން ކެޓެގަރީއަކަށް ވަނީ ބަހާލެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕަދްމާ ވިބުޝަން، ޕަދްމާ ބުޝަން އަދި ޕަދްމާ ޝްރީއެވެ.

މި އެވާޑް ލިބިފައިވާ ފަރާތްތަކުގެ އަސްލު ނަމަކަށް އެވޯޑާ ގުޅޭ ނަމެއް ނާންނާނެއެވެ. ނަމަވެސް އެ ފަރާތްތަކަށް ވަނީ އެވޯޑު ހާސިލުވެފައިވާ ކަމުގެ ކުޑަކުޑަ މެޑަލެއް ހަވާލު ކޮށްފައެވެ. އެވޯޑު ލިބިފައިވާކަން އަންގަން ބޭނުންވާ ފަރާތްތަކަށް އިވެންޓެއް ކުރިއަށްދާ ވަގުތު އެ މެޑަލް އަޅައިގެން ތިބެވޭނެއެވެ.