ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް އިރު ފަގީރު ގައުމެއް، މުއްސަނދި ގައުމަކަށް ބަލީގެ އަސަރު ނުފޯރައޭ ކިޔާނެ ފުރުސަތެއް މިއަދު ނެތެވެ. ގައުމުތައް ކުރިއަރާފައިވާ މިންވަރު މިފަދަ ހާލަތްތަކުގައި ވަޒަން ކުރެވޭ އިރު މުއްސަނދި ގައުމުތަކުން ކޮވިޑް-19 އަށް ވެކްސިން އުފައްދައި ބޭނުން ކުރި ކަމުގައި ވިޔަސް ފަގީރު ގައުމުތަކުގައި ވެކްސިން ގަނެވޭނެ ފެންވަރު ނެތުމުގެ ވާހަކަ ނުދައްކައި ފަސް ޖެހޭކަށް ނެތެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އެތައް މިލިއަން މީހުންގެ ފުރާނަ ވަނީ މި ބަލީގެ ސަބަބުން ގޮސްފައެވެ. ކޮވިޑް ވެކްސިން ފަގީރު ގައުމުތަކަށް ނުލިބި މުއްސަނދި ގައުމުތަކުން ހުސްކޮށްލާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައި އެވެ. ނަމަވެސް ކޮވެކްސް ކިޔާ ޖަމިއްޔާ އަކުން ވަނީ އެއްވެސް ގައުމެއް ބާކީ ނުކޮށް ވެކްސިން ލިބޭތޯ ކަށަވަރުކުރުމަށް މަސައްކަތް ފައްޓައިފައެވެ.

ކޮވިކްސް އަކީ ކޮބާ؟

ކޮވިކްސްއަކީ ދުނިޔޭގެ 180 ގައުމަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދުމަށް ބާރު އަޅައި ވެކްސިން ފޯރުކޮށްދީފައިވާ ޖަމިއްޔާއެކެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއާ އެއްކޮށް ގްލޯބަލް ވެކްސިން އެލަޔެންސް އާއި އެޕިޑަމިކް އެވެއާނެސް ޕްރިޕެއަޑްނެސް ގެ ކޯލިނިޝަނުން ވެސް މަސައްކަތް ކުރެއެވެ.

ކޮވިކްސް އުފެދިފައި ވަނީ ކޮވިޑް-19 ވެކްސިން ގްލޯބަލް އެކްސެސް ފެސިލިޓީ އަށެވެ.

ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތަށް ބަލައި ޑަބްލިއުއެޗްއޯގެ އިސްފަރާތް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވީ މިހާތަށް 39 މިލިއަން ޑޯސް ގެ ވެކްސިން ގައުމުތަކަށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރޭގައި މުއްސަނދި 49 ގައުމު ހިމެނޭއިރު ފަގީރު ގަައުމުތަކުގެ ތެރޭގައި 25 ގައުމު ހިމެނޭ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ އަންނަ ފެބްރުއަރީ މަހުގައި ވެކްސިންތައް ފޯރުކޮށްދޭން ފަށާނެ ކަމަށާއި އޭގެ ތެރޭގައި އެންމެ ފަގީރު ގައުމުތަކާއި ފަގީރު ކަމުން އަރައިގަނެފައިވާ ގައުމުތައްވެސް ހިމެނޭނެ ކަމަށެވެ.

ކޮވެކްސް އިން އުންމީދު ކުރާ ގޮތުގައި މި އަހަރު ނިމުމުގެ ކުރީން ދެ ބިލިއަނަށް ވުރެ ގިނަ ޑޯސްގެ ވެކްސިން މުޅި ދުނިޔޭގެ އެކި ހިސާބުތަކުގެ ގައުމުތަކަށް ފޯރުކޮށްދެވޭނެ އެވެ. އެގޮތުން 1.8 ބިލިއަން ވެކްސިން ފޯރުކޮށްދޭނީ 92 ފަގީރު ގައުމަށް ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތުދެއެވެ.