މައިނިންގ ގެ އެންމެ ބޮޑު ސިނާއަތެއް އޮންނަ ޗައިނާގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގައި މިހާތަނަށް އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ވަކިވެގެން ގޮސްފަ އެވެ. މައުދަން ނެގުމަށް ބިމުގެ އެތައް ސަތޭކަ އަޑިއަށް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެތައް ބަޔަކު ދާއިރު އެމީހުން ދަނީ އަނބުރާ އައިސް އިރުގެ އަލިކަން ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތިއެވެ.

މައިނިންގ އަށް ގޮސް ތިބި ބަޔަކު ޗައިނާއިން 2 ހަފްތާއަށް އަށްފަހު ސަލާމަތް ކޮށްފައި ވާއިރު ސަލާމަތް ވި މީހުންގެ ތެރެއިން އެކަކު ބުނީ އޭނާ ސަލާމަތް ވުމުން ހީވީ އަލުން ދިރުން ލިބުނީ ކަމަށެވެ. މިއީ މައިނިންގ އަށް ގޮސް އުޅުނު ފަރާތްތަކުގެ ތެރެއިން ސަލާމަތް ކުރެވުނު 11 މީހުންގެ ތެރެއިން މީހެކެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ޗައިނާގެ ޝަންޑޮންގ ޕްރޮވިންސުގައި ހުންނަ ރަން މައިނެއް ގޮވައި 11 މީހުން ސަލާމަތް ކޮށްފައިވާއިރު އިތުރު މީހަކު އަދި ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަ ދެއެވެ.

މައިން ގޮވުމުގެ ހާދިސާގައި 9 މީހަކު މިހާރު މަރުވެފައިވާއިރު މިދިޔަ ހަފްތާގައި ވެސް ވަނީ މީހަކު މަރުވެފަ އެވެ. އެމީހާ މަރުވެފައި ވަނީ ކޯމާއެއްގައި އޮއްވަ އެވެ.

މައިން ގޮވުމުގެ ހާދިސާ ދިމާވި ގޮތް ކިޔައި ދެމުން ސަލާމަތް ވި މީހުންގެ ތެރެއިން މީހަކު ބުނީ 22 މީހުން މައިނުގެ އެކި ތަންތަނުގައި ގުރޫޕު ގުރޫޕަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. ބިމުގެ 600 މީޓަރު(2،000ފޫޓު) އަޑީގައި އެމީހުން މައިނިންގ ގައި ތިއްބާ ކުއްލިއަކަށް ބާރުގަދަ އަޑެއް ކިޔައި ގޮވީ ކަމަށް އެމީހުން ބުނެއެވެ. އަދި މުއާސަލާތީ ހިދުމަތް ވެސް ކެނޑުނު ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

އެތައް ދުވަހެއް ވަންދެން އިރުގެ އަލިކަން ނުފެނި ބިމުގެ އެތައް މީޓަރު އަޑީގައި މީހުންތައް އުޅެފައިވާއިރު ދިރިހުރުމަށް އެމީހުންނަށް ލިބުނީ ކަރުހިއްކުން ފިލާވަރުގެ ފެންފޮދެއްކަމަށް އެމީހުން ބުނެއެވެ.