ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،743 މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން 13 ވަނަ އަށް އެންމެ ގިނަ ބަަޔަކު ފައްސިވެފައި އޮތް މެކްސިކޯ އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 152،016 މީހުން ވަނީ މަރުވެފައެވެ. އަދި އިތުރު 17،165 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

އަދި މިހާތަނަށް އައި އިރު، ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 1،788،905 މީހުންނެވެ.

އެގައުމުން މިހާތަނަށް އެއްދުވަސް ތެރޭ އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،803 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އެގައުމުން އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީވެސް ހަމަ އެދުވަހުއެވެ. އެއީ 22،339 މީހެކެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ މެކްސިކޯއިންނެވެ. އެ ގައުމުން ބަލި ޖެހިގެން 1,348,660 މީހުން ރަނގަޅުވި އިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 288,229 މީހުންނަށެވެ. ސީރިއަސް ހާލަތުގައި 5,504 މީހުން އެބަތިބިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 100 މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ. މި ބަލި ޖެހިގެން ދެ މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 72 މިލިއަނަށް ވުރެ ގިނަ މީހުން ބަލި ޖެހިގެން ރަނގަޅުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.