ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެދި ކޮވިޝީލްޑް ވެކްސިންގެ ތިން މިލިއަން ޑޯޒް ސައުދީ އަރަބިއްޔާ އަށް ދިނުމަށް ނިންމައިފިއެވެ.

އިންޑިއާ އިން ސައުދީ އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކޮވިޝީލް ވެކްސިނަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ. އިންޑިއާ އިން ސައުދީ އަށް ވެކްސިންގެ ޑޯޒްއެއް ވިއްކަނީ ފަސް ޑޮލަރަށެވެ. އިންޑިއާ އިން ވަނީ މި ވެކްސިން ރާއްޖެ، ބްރެޒިލް، މޮރޮކޯ ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މޮރިޝަސް، މިޔަންމާ ފަދަ ގައުމުތަކަށް ވެސް ފޮނުވައިފައެވެ.

ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސީރަމްގެ އަމާޒަކީ ފަގީރު ގައުމުތަކަށް އެއް ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އިންޑިއާ ސަރުކާރުގެ އެންގުމަށް ސީރަމް އިން ވަނީ އަވަށްޓެރި ބައެއް ގައުމުތަކަށް ގިނަ އަދަދެއްގެ ވެކްސިން ހަދިޔާ ވެސް ކޮށްފައެވެ.

ސީރަމްގެ ޗީފް އެގްޒެކްޓިވް އަދަރް ޕޫންވާލާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއް ނުވަތަ 10 ދުވަހުގެ ތެރޭގައި ވެކްސިން ސައުދީ އަށް ފޮނުވާނެ ކަމަށެވެ. ސީރަމް އިން ދެކުނު އެފްރިކާ އަށް ވެކްސިންގެ 1.5 މިލިއަން ޑޯޒް ފޮނުވާފައި ވަނީ އެއްޗެއް ފަސް ޑޮލަރަށެވެ.

"އަހަރުމެން ކަނޑައެޅިފައިވާ ވަގުތަށް އަދި ހުރިހާ ގައުމަކަށް ވެސް (ވެކްސިން) ފޮނުވުމުގެ ގާބިލްކަން އެބަހުރި،" ޕޫންވާލާ ވިދާޅުވިއެވެ.

އިންޑިއާގެ ވެކްސިން އުފައްދާ ކުންފުނިން މިދިޔަ ހަފްތާގައި ބްރެޒިލް އަށް ދެ މިލިއަން ޑޯޒް ފޮނުވާފައިވެއެވެ.

ޕޫންވާލާ ވިދާޅުވީ މާޗް މަހުގެ ނިމޭ ހިސާބަށްދާ އިރު ވެކްސިން އުފެއްދުމުގެ މަސައްކަތް އިތުރަށް ހަލުވި ކުރަން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ބްރެޒިލް ހިމެނެއެވެ. އެކަމަކު ކުރިއާ ބަލާފައި އިންޑިއާގައި ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އިންޑިއާ އިން މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 153,751 މީހަކު ވަނީ މަރުވެފައެވެ. ބްރެޒިލްގައި މިހާތަނަށް އަށް މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި 218,918 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވެކްސިން

    ސައުދީގައި އިންޑިޔާގެ އެތައްމިލިއަން ރައްޔިތުންނެއް ވަޒީފާ ތަކުގައި އުޅޭ. ދިވެހިރާއްޖެއައް ގެނައި ވެކްސިންގެ ސާފްމައުލޫމާތެއްނުލިބޭ. މިގައުމުގައިވެސް އެތައްބައިވަރު އިންޑިޔާމީހުންނެއް އުޅޭ. އެމީހުންނައްގެނައި ވެކްސިން ވާނެތޯ ދިވެހިންނައް ހަދިޔާކުރިވެކްސިނެއްކަމަކައް. ނޫނީ އިންޑިޔާއިން ދިން ވެކްސިން ދިވެހިން ގަޔައްޖަހާފަ ދިވެހި ސަރުކާރުން ގަނެގެންގެންނަ އަގުބޮޑު ވެކްސިން މިތާގައުޅޭ އިންޑިޔާމީހުންގެ ގަޔައްޖެހީމަ ބުނެވޭނީ ކީކޭތޯ ހެހެހެ

    1
    1