ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަޝިއާއިން އުފައްދާފައިވާ ވެކްސިންގެ 100،000 ޑޯޒު ގަންނަން ވިސްނަމުން އަންނަ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުން ވެކްސިން ގަންނަން ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

ރަޝިއާގެ ވެކްސިން ގަތުމަށް ފަލަސްތީނުން ވިސްނަމުން އަންނައިރު، އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ރަޝިއާއިން ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައި ސްޕުޓްނިކް ވީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

ފަލަސްތީނުން ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އަންނާނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ ތެރޭގައި ކަމަށާއި، މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ހުރިހާ ހިސާބަތަކަށް ވެކްސިން ފޯރު ކޮށްދެވޭނެ ކަމަށެވެ.

ފަލަސްތީނުން ކޮވިޑް-19 ވެކްސިން ޖެހުމަށް ތައްޔާރު ވަމުން އަންނައިރު، އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 156،996 މީހަކު ވަނީ ފެނިފައެވެ. އަދި މިހާތަނަށް އެގައުމުން 1،808 މީހަކަށް ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ކޮވިޑް-19 އާއި ހަނގުރާމަ ކުރުމަށް ވެކްސިން ތައްޔާރު ކުރަމުން އަންނައިރު، މިހާތަނަށް އެންމެ ކުރީގައި އަދި އެންމެ ގިނަ ގައުމުތަކަށް ވެކްސިން ފޮނުވާފައިވަނީ ރަޝިއާއިންނެވެ.

ރަޝިއާ އިން އުފެއްދި ކޮވިޑް-19 ވެކްސިނަށް ދީފައިވާ ނަމަކީ ސްޕްޓްނިކް ވީއެވެ. މިނަމަކީ ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ސޯވިއެޓް ޔޫނިއަނުން ދުނިޔޭގައި ފުރަތަމަ ސެޓްލައިޓް ޖައްވަށް ފޮނުވިއިރު އެ ސެޓްލައިޓަށް ދިން ނަމާއި ގުޅުވައިގެން ކިޔާފައިވާ ނަމެކެވެ.