ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ސްރީ ލަންކާގެ ދޭން ފަށުމަށް ތައްޔާރުވެއްޖެއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާއިން ފޯރުކޮށްދިން 500،000 ވެކްސިން ޑޯޒު އެގައުމަށް ލިބިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ވެކްސިން އެ ގައުމަށް ގެނެސްފައިވަނީ އެކަމަށް ހާއްސަކޮށްގެން އިއްޔެ އެގައުމަށް ޖެއްސި އެއާ އިންޑިއާގެ މަތިންދާ ބޯޓަކުންނެވެ.

ކޮވިޝީލްޑަކީ ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އޮކްސްފޯޑް އެސްޓްރާޒެކެނާއާ ގުޅިިގެން އުފައްދަފައިވާ ވެކްސިނެކެވެ.

އެ ގައުމުގައި ވެކްސިން ދިނުމަށް ނިންމާފައިވަނީ ކޮލަމްބޯގެ ހަ ހޮސްޕިޓަލެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލް، ކޮލަމްބޯ ސައުތް ޓީޗިން ހޮސްޕިޓަލް، ކޮލަމްބޯ ނޯތް ޓީޗިން ހޮސްޕިޓަލް، ހޮަމަގަމާ ބޭސް ހޮސްޕިޓަލް، ކޮލަމްބޯ އީސްޓް ބޭސް ހޮސްޕިޓަލް އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސްއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ މި ހޮސްޕިޓަލްތަކުގެ 25 އިންސައްތަ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިގަންނަ އިރު ވެކްސިން ދެވޭނެ ކަމަށެވެ. އަދި ބާކީ ހުރި މުވައްޒަފުންނަށް އޭގެ ފަހުން ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ގައުމުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، މިހާތަނަށް އެ ގައުމުން 60،694 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 290 މީހަކު މަރުވެފައިވާ އިރު، މި ބަލި ޖެހިގެން އެގައުމުން 54،435 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު