އިންޑިޔާގައި ފޮރެންސިކް ތަޙްލީލް ނުކުރާ 13،000 ރޭޕްގެ މައްސަލަ އަހަރެއްގެ މައްޗަށް ރިޕޯޓް ކުރެވޭ ކަމަށާއި ފޮރެކްސިކް ތަޙްލީލެއް ނުކުރެވެނީ ލެބޯޓަރީގެ ވަސީލަތްތަކާއި ސާމާނުގެ ދަތިކަމުން ކަމަށް އިންޑިޔާގެ ޔޫނިއަން އެންޑް ވިމެން ޑިވެލޮޕްމެންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސެންޓްރަލް ފޮރެންސިކް ސައިންސް ލެބޯޓަރީގެ ޚިދުމަތްތައް ފުޅާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރޭޕް ފަދަ ސީރިޔަސް މައްސަލަ ތަކުގައި ފޮރެންސިކް ތަޙްލީލެއް ކުރެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ފޮރެންސިކް ތަޙްލީލަކަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ލެބޯޓަރީ ސާމާނު ނެތުން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަހަރެއްގެ މައްޗަށް ރޭޕްގެ މައްސަލަތަކުގެ ތެރެއިން ފޮރެންސިކް ތަޙްލީލެއް ކުރެވެނީ ނިސްބަތުން މަދު މައްސަލައެއްގައި ކަމަށާއި ލެބޯޓަރީ ތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ ފަންޑެއް ބޭނުންވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިއަހަރު ނިމުމުގެ ކުރިން އިތުރު ފަސް ލެބޯޓަރީއެއް ހުޅުވި ޚިދުމަތް ދެވެން ފެށޭނެ ކަމަށާއި އަދި މިހާރު ހުރި ލެބޯޓަރީއަށް ބޭނުންވާ ސާމާނު ވަރަށް އަވަސް މުސްތަޤްބަލެއްގައި ފޯރުކޮށްދޭނެ ކަމަށެވެ.

އިންޑިޔާގައި "ރޭޕް ކަލްޗަރ" އެއް އާއްމުވަމުން ދާތީ އެކަން ހުއްޓުވުމަށް އިންޑިޔާއިން މަސައްކަތްތަކެއްވަނީ ކޮށްފައެވެ. މިގޮތުން ރޭޕް ކުރާ މީހުންނަށް ހަރުކަށި އަދަބެއް ދިނުމުގެ ގޮތުން އެޤައުމުގެ ޤާނޫންވަނީ އިސްލާޙްކޮށްފައެވެ.