ދުނިޔޭގެ އެކި ހިސާބުތަކުގައި މިވަގުތު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،506 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 1،506 މީހަކު މަރުވެފައިވާއިރު، އިއްޔެވެސް އެގައުމުން މި ބަލި ޖެހިގެން 1،623 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 155,145 އަށް އަރާފައެވެ.

އެގައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ މަރުވެފައިވާ ކަމަށް ހާމަ ކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1.803 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

މެކްސިކޯއަކީ ހަތަރު ވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ގައުމެވެ. އަދި އެހެން ގައުމުތަކާ ބަލާފައި މެކްސިކޯގައި މަރުވާ ރޭޓް އުޅެނީ ވަރަށް ބޮޑަށް މަތީގައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނަ އިރު، މެކްސިކޯއަކީ ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތް އެއް ގައުމެވެ. އެ ގައުމުގައި ބަލި ފެތުރުން މިހާތަނަށް އައިއިރު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

އެގައުމުން އިތުރު 18,670 މީހަކު މި ބައްޔަށް ފައްސިވެފައިވެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,825,519 އަށް އަރާފައެވެ. އެގައުމުން މި ބަލި ޖެހިގެން 1,376,073 ރަނގަޅުވެފައިވާއިރު، 294,301 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިންވެސް 5,692 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ނުވަތަ އައީސޫގައެވެ.

ކިޔުންތެރިންގެ ހިޔާލު