ސްރީލަންކާގެ ގިނަ ސަރަހައްދުތަކުގައި ކޮވިޑް-19 ކޮންޓްރޯލުން ނައްޓާފައި ވަނީ އިހުމާލުގެ ސަބަބުންނާއި، ފަރުދީ ޒިންމާތައް ނުނަގާތީ ކަަމަށް ޕަބްލިކް ހެލްތް އިންސްޕެކްޓަރ ޔުނިއަން އިން ތުހުމަތު ކޮށްފިއެވެ.

ޑެއިލީ މިރޯ އާ ވާހަކަދައްކަމުން ޔުނިއަންގެ ސެކެރެޓަރީ އެމް، ބަލަސޫރިޔާ ވިދާޅުވީ، މީހުން ކޮވިޑް-19 އާ މިހާރު މާބޮޑަށް އަޅާ ނުލާ ކަމަށެވެ.

"ކާފިއު އާއި އައިސޮލޭޓްކޮށްފައިވާ ތަންތަނުގައި އުޅެމުންދާ މީހުން މިހާރު ވަނީ އާއްމު ސިއްހީ ގައިޑްލައިން މަތިން ހަނދާން ނެތިފައި، މިއީ އެހާ ރަނގަޅު ހާލަތެއް ނޫން، އަހަރުމެން ސިއްހީ އޮފިޝަލުން މިކަމާއި ވަރަށް ދެރަވޭ". އޭނާ ވިދާޅުވަފައި ވެއެވެ.

އޭނާ ވިދާޅުވީ، އެ މީހުން ފަހަތުން ގޮސް ގައިޑްލައިންއަށް ފޮލޯ ކުރަން ނުބުނެވޭނެ ކަމަށާއި، ކޮންމެ ކަމެއްގައިވެސް ލިމިޓެއް އޮންނާނެ ކަމަށެވެ.

އަދި އޭނާ ވަނީ މިހާރު އެ ގައުމުގައި ކޮވިޑް-19 މިހާ ބޮޑަށް ފެތުރިގަތީ އާއްމުން ފަރުދީ ޒިންމާތައް ނުނަގާތީ ކަަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އޭނާ ވަނީ ސިއްހީ އޮފިޝަލުންނާއި ގާތުން މަސައްކަތް ކޮށް، އަލުން ކޮވިޑް-19ގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް އެދިފައެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެ ގައުމުގައި މިހާރު ވަނީ ބައްޔާއި ދެކޮލަށް ވެކްސިން ޖަހަން ފަށާފައެވެ.

ލަންކާގައި އިއްޔެ އާ ހަމައަށް 61,586 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެ ގައުމުގައި 297 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސްކިޕަރ

    ގައުމުތައް ހަލ؛ާކުވެދަނީ ޒިންމާ ނުނަގާ، ސައިންސްވެރިންގެ ބަހުގެ ބައްޗަށް މޮޅެތި ބަސްތައް ކިޔާ ސަރުކާރުތަކުގެ ސަބަބުން. އެއޮތްބޮޑު އެމެރިކާ ވެސް ޓްރަމްޕުގެ ވެރިކަމުގައި ކޯވިޑު ފެތުރި އެތައް ބަޔަކު މަރުވެއްޖެ. މިރާއްޖޭގައި ވެސް ކޮވިޑު އާދައިގެ ކަމަކަށް ހެދީ މިގައުމުގެ ޓްރަމްޕު، ކެނެރީގޭ ނަޝީދު.