ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 534 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއިން އިތުރު 534 މީހަކު މަރުވެފައިވާއިރު، ފާއިތުވި 3 ދުވަހުވެސް އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 400 އިން މަތީގައެވެ. އެގޮތުން އިއްޔެވެސް އެގައުމުން 575 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުގައި ދައްކާގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން ޖުމްލަ 72,185 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު 24 ވަނަ ދުވައެވެ. އެދުވަހު އެގައުމުން 635 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

އެ ގައުމުން އިތުރު 19,238 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީވެސް ހަމަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,813,048 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 3,255,462 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 485,401 މީހަކަށެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ނުވަތަ އައިސީޔުގައެވެ.

ކިޔުންތެރިންގެ ހިޔާލު