ދުނިޔޭގައި މިވަގުތު އެންމެ ހަލުވި ކަމާއެކީ ފެތުރެމުން އަންނަ އެއް ބައްޔަކީ ކޮވިޑް-19އެވެ. މި ބަލި ޖެހިގެން ދުވަހުން ދުވަހަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، ހޮސްޕިޓަލްތައް ވެސް އަންނަނީ ފުރި ބާރުވަމުންނެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމު ނެތިގެން ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ.

އެގޮތުން ބަލާއިރު ޕޯޗުގަލްއަކީ މިހާރު ދުނިޔެއިން 26 ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވާން ފަށައިފައެވެ. އެހެން ގައުމުތަކާ އަޅާބަލާއިރު، ޕޯޗުގަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އިންސައްތަ މަދުވި ނަމަވެސް އެގައުމުގެ ސިއްހީ މާހިރުން އަންނަނީ އަވަދިނެތި ބަލި މީހުންނަށް ފަރުވާ ދެމުންނެވެ.

އެގައުމުގައި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 806 މީހަކު އައިސީޔޫގައި ހާލު ދެރަވެގެން ފަރުވާ ދެމުން އަންނައިރު، މިއީ ކިހާވަރެއްގެ ކަމެއްކަން ގިނަ ބަޔަކަށް ނޭނގެއެވެ. ފަރުވާ ދިނުމުގައި އަވަދިނެތި އުޅޭ ޑޮކްޓަރުންނާއި ނަރުހުން ކުރަނީ ކިހާ ވަރެއްގެ މަސައްކަތެއްކަން ނޭނގެއެވެ. އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަނީ ކިހާވަރެއްގެ ގުރުބާނީއެއް ކަމެއްވެސް ނޭނގެއެވެ. ގިނަ ފަހަރަށް ބަލި ޖެހޭ މީހުން މަރުވަނީ ފަރުވާ ދެމުން އަންނަ ވަގުތު އެބޭފުޅުންގެ ކުރިމަތީއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑީއޯއަކުން ފެނިގެން ދަނީ ޕޯޗުގަލްގެ ހޮސްޕިޓަލެއްގެ އައިސީޔޫގެ މަންޒަރެވެ. ޖުމްލަ އެތަނުގައި ހަ މީހަކަށް ފަރުވާ ދެމުން އަންނައިރު، އެއް އަޑަކަށް އިވެނީ ބަލި މީހުންގެ ގަޔަށް ގުޅާފައިވާ މެޝިންތަކުގެ އަޑެވެ. ބިރުވެރި އަޑެވެ.

ހޮސްޕިޓަލުގެ ނަރުހުން އަބަދުވެސް ތިބެނީ ކޮންމެވެސް އެއް ފަރާތަކަށް ދުވެލަ ދުވެލައެވެ. ވެންޓިލޭޓަރުގައި ތިބޭ ބަލި މީހުންނަށް ގަޑިން ގަޑިއަށް ބޭނުންވާ ބޭހައި އެމީހުންނަށް އަޅާލުމުގައި އަވަދިނެތިކޮށް އުޅޭ ނަރުހުންނަށް ތަނެއްގައި ހަމަޖެހިލައިގެން ތިބެވޭ މަންޒަރެއް ނުފެނެއެވެ. މިއީ އެތަނުގެ އައިސީޔޫގެ ހާލަތެވެ.

ދެން ހުރީ ބަލި ޖެހިގެން އަންނަ މީހުންނަށް ފަރުވާ ދޭން ތައްޔާރު ކޮށްފައިވާ ތަނެވެ. އެތަން ހީވަނީ ސިފައިންގެ ޓްރެއިނިން ތަކަށް ދާ މީހުންގެ ބެރެކްސް ހެންނެވެ. ކައިރި ކައިރީގައި އެނދު ޖަހާފައި ހުރިއިރު، ކޮންމެ އެނދެއް ކައިރީ ފަސް ފޫޓު ނުހުރެއެވެ.

ވަކި އުމުރަކަށް، ނަސްލަކަށް ނުބަލައި ނަރުހުންނާއި ޑޮކްޓަރުން މި ކުރަނީ ޝުކުރު ހައްގު މަސައްކަތެކެވެ. މެޝިންތަކަށް ގުޅާފައިވާ ކުޑަކުދިން އުރައިގެން އެކުދިންގެ ބަލި ހާލަތު ބަލައި، ރުއިން ހުއްޓުވުމަށް ރެއާއި ދުވާލު މި ބޭފުޅުން މަސައްކަތް ކުރާތަން ފެނެއެވެ.

މިއީ ސިއްހީ ނިޒާމު ރަނގަޅު ޕޯޗުގަލްގެ އެންމެ ހޮސްޕިޓަލެއްގެ ހާލަތެވެ. މިއަށްވުރެ ގިނަ މީހުން ބަލި ޖެހިގެން މަރުވެފައިވާ އެހެން ގައުމުތަކުގެ ހާލަތަކީ ކޮބައިތޯއެވެ؟

ޕޯޗުގަލް އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 698,583 ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 11,886 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި ބަލިން ފަސޭހަވެފައިވަނީ 504,886 މީހެކެވެ. އެގައުމުން މިހާރު މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 181,811 މީހަކަށެވެ.