"ކޮންމެ މީހަކުވެސް އުއްމީދު ކުރާނީ މި ބަލިން ރަނގަޅުވެ، އަވަހަށް މުޖުތަމައުއަށް ނުކުމެވޭ މީހަކަށް ވާން" މިއީ އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އައި އުމުރުން 73 އަހަރު ލޮރީ ދުއްވާ ޓޯނީ ބްރައުން ނަމަކަށް ކިޔާ މީހަކު އޭނާގެ އުދާސްތައް ކިޔައިދެމުން ބުނި ވާހަކައެކެވެ.

ޓޯނީ ވަނީ ކޮވިޑް-19 އާ ހަނގުރާމަ ކުރަމުން ދިޔައިރު، އޭނާއާ އެކީ އެތަނުގައި ފަރުވާ ހޯދަމުން ދިޔަ މީހުންނާ ވަރަށް ވާހަކަ ދައްކައިފައެވެ. އޭރު އެތަނުގައި ތިބި ގިނަ ބަލި މީހުންގެ އަނގަމަތީގައި ވަނީ ބާރު ސްޕީޑްގެ އޮކްސިޖަން ފޯރުކޮށްދޭ މާސްކު އަޅައިފައެވެ.

ބާރު ސްޕީޑޭ ބުންޏަސް އެއީ ކިހާބާރު މިނެއްތޯ ވިސްނާލެވޭތޯ؟ އެއީ ނަރުހުން ބުނާ ގޮތުގައި ކާރު 90 މޭލު ބާރު މިނުގައި ދުއްވާފައިދާ އިރު، ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށް އަނގަ ހުޅުވައިގެން ބޭރަށް ބޯ ނެރޭއިރު ވައި އައިސް އަނގައިގައި ޖެހޭ ބާރު މިނެވެ. މި ބާރު މިނުގައި ކޮވިޑް-19 ޖެހިގެން ހާލު ދެރާވާ މީހުންނަށް އޮކްސިޖަން ބޭނުންވެއެވެ.

ޓޯނީ މަރުވުމުގެ ކުރިން އޭނާ ވާނީ "ސްކައި ނިއުސް"ގެ ޓީމަކާ ބައްދަލު ކޮށްފައެވެ.

ކޮވިޑް-19 ޖެހޭ މީހުން ހަމަ އެކަނި މަރުވަނީއެއް ނޫނެވެ. ބަލި ޖެހިގެން ފުރަތަމަ މީހާ އެކަހެރި ކޮށްލަނީއެވެ. އެއީ ވެސް ޓޭޕުން ބަންދުކޮށްފައިވާ ތަނެއްގައެވެ. ޓޯނީ ކަހަލަ އެތައް ބަޔަކު މުޅި ދުނިޔެއިން އަންނަނީ މި ބައްޔާ އެކަނި، އެކަހެރިކޮށް ހަނގުރާމަ ކުރަމުންނެވެ. ހަމައެކަނި އެމީހުންނަށް އަޅާލާން ތިބޭ ބަޔަކީ ބޮޑެތި ސަލާމަތީ ހެދުންތައް އަޅައިގެން ތިބޭ ނަރުހުންނާއި ޑޮކްޓަރުންނެވެ. ގިނަ މީހުން މަރުވެގެން ދަނީ އާއިލީ ބަޔަކަށް ނުފެނިއެވެ.

ޓޯނީގެ މަރުވުމުގެ ކުރިން އެ ޓީމާ ވާހަކަ ދައްކައި ކޮންމެވެސް ވަރަކަށް އޭނާގެ އިހުސާސްތައް ވަނީ ކިޔައި ދީފައެވެ.

"ވަރަށްވެސް ބިރުވެރި، މިއަށްވުރެ ބިރުވެރި ރޭތައް ހޭދަކޮށްފިން. ދެ ފަހަރެއްގެ މަތިން އަނބިމީހާއަށް ގުޅަންވެގެން އުޅުނިން ދެން ދިމާވާނެ ކަމެއް ނޭނގޭ ކަމަށް ބުނަން" ޓޯނީ ސްކައިނިއުސް ޓީމަށް ކިޔައި ދިނެވެ.

އޭނާ ބުނި ގޮތުގައި ބަލި ފުރަތަމަ ފެތުރެން ފެށި ހިސާބުން މީހުން ސަލާމަތް ހޯދި ނަމަ މިހާ ހިސާބަތް ނުދާނެއެވެ. މިހާ ގިނަ ބަޔަކު ބަލި ޖެހިގެން ދުނިޔެއިން ނުދާނެއެވެ. އޭނާ ވަނީ ސިއްހީ މާހިރުން ކުރަމުން އަންނަނީ އަގު ވަޒަން ނުކުރެވޭނެ ވަރުގެ ހިދުމަތެއް ކަމަށް ބުނެފައެވެ.

ޓޯނީ ބްރައުން

ސްކައިނިއުސް ޓީމުން ބުނީ، ޓޯނީއާއި ވާހަކަ ދައްކަމުން ދިޔައިރު، އޭނާގެ އަޑު މަޑުވަމުން ދިޔަ ކަމަށެވެ. އޭނާއަށް ބަލި ޖެހިފައިވަނީ މަސައްކަތް ކުރަމުން އައި މާހައުލުންނެވެ. އޭނާ ވަނީ އެތަނުގައި މަސައްކަތް ކުރަމުން އައި މީހުން މާސްކު ނާޅައި ގައިދުރުކަން ނުބެހެއްޓީތީ އެކަމާ ނުރުހުންވެސް ފާޅު ކޮށްފައެވެ.

"އަޅުގަނޑު ކައިރީ ޓޯނީ ބުނީ، އޭނާގެ އަނބިމީހާ މަތިން ވަރަށް ހަނދާންވާ ކަމަށާއި ނުފެންނަތާ ދެ ވަރަކަށް ހަފްތާ ވެއްޖެކަމަށް. އަދި އުއްމީދު ކުރަނީ އަވަސް މުސްތަގުބަލެއްގައި ފެންނާނެ ކަމަށް. ލިންޑާ އަކީ އޭނާގެ ހުރިހާވެސް އުފަލަކީ" ޓޯނީ އާއި ހަވާލާދީ އެ ޓީމުން ބުންޏެވެ.

މިއީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލަކުން މި ޓީމުގެ މީހުންނާއި ދިމާވި މީހެކެވެ. އޭނާގެ އިތުރުން އެ ވޭން ތަހައްމަލު ކުރަމުން އަންނަ އެތައް ބަޔަކު އެ ގައުމުގައި އަދި އެ ހޮސްޕިޓަލުގައި އެބަ ތިއްބެވެ.

އައިސީޔޫގައި މަސައްކަތް ކުރާ ނަރުހުން

ބާނެޓް ހޮސްޕިޓަލަކީ މިވަގުތު ކޮވިޑް-19 ޖެހިގެން ގެންނަ މީހުން އެންމެ ގިނައިން ގެންނަ އެއް ހޮސްޕިޓަލެވެ. މާޗް މަހާއި އަޅާބަލާއިރު، މިހާރު އެގައުމުގައި ބަލި ޖެހޭ މީހުންގެ އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ހޮސްޕިޓަލަށް ގެންނަ މީހުންގެ އިންސައްތަ ވަނީ ދެގެނައަށް އިތުރުވެފައެވެ.

ބައެއް ހޮސްޕިޓަލްތަކުގެ ރޫމުތަކުގައި 300 މީހުންނަށް ފަރުވާ ދެމުން ގެންދެއެވެ. އޭގެ ތެރެއިން 4 ބައި ކުޅަ އެއް ބައި މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

އެގައުމުގެ ސިއްހީ މާހިރުންގެ ބިރަކީ ހޮސްޕިޓަލްތައް ފުރި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމު ނެތުމެވެ. ޑޮކްޓަރުންނާއި ނަރުހުން ތިބޭ ބަލި މީހުން އަންނަ ވަރަކަށް އެމީހުންނަށް ފަރުވާ ދިނުމަށް ރެއާއި ދުވާލަށް ބެލުމެއް ނެތި ތައްޔާރަށެވެ.

އިނގިރޭސވިލާތަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް، ސިއްހީ ގޮތުން ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ ގައުމެކެވެ. އެގައުމުން މިހާތަނަށް 3,772,813 މީހަކަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 104,371 މީހަކު ވަނީ މަރުވެފައެވެ. އަދި މިވަގުތު 1,673,936 މީހަކަށް ފަރުވާ ދެމުން އަންނައިރު، 3,918 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާރު

    މުޅި އުމުރުދުވަހު ރާބޮއި އޫރުމަސްކައި ޒނކޮށް އުޅޭ ބަޔެއް. ކޮވިޑް ޖެހިގެން ނުރައްކާވެ ގިނައިން މަރުވަމުންދަނީ އެކަހަލަ މީހުން. ނޯމަލް މީހުންނަށް އާދައިގެ ރޯގާއެއް. ހަރާން ކަންތައް ކުރާ މީހުންނަށް ކޯފާއެއް.