ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައިލޭންޑްގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި 89 ފަތުރުވެރިއަކު އެ ގައުމުން ހައްޔަރުކޮށްފިއެވެ.
މި ފަތުރުވެރިން ހައްޔަރު ކުރީ އެ ގައުމުގެ ދެކުނުގައި އޮންނަ ރިސޯޓެއްގައި ޕާޓީ ކުރަން ތިއްބައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެގައުމުގެ 22 މީހަކުވެސް ހިމެނޭ ކަމަށާއި މި މައްސަލައާ ގުޅިގެން ދައުވާ ކުރާނީ އެތަނަށް ދިޔަ މީހުންނާއި އެ ޕާޓީ އިންތިޒާމު ކުރި މީހުންގެ މައްޗަށް ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން ކަފާލާތުގެ ދަށުން ދޫކޮށްފައިވާ އިރު، ބައެއް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ފްރާންސްގެ 20 މީހަކާއި އެމެރިކާގެ 10 މީހަކާއި އިނގިރޭސި ވިލާތުގެ ހަ މީހަކު ހިމެނެއެވެ. މި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު ނަތީޖާ ވަނީ ނައްސިވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް އެ ރިސޯޓުގައި ޕާޓީއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެނގިފައިވަނީ ޕާޓީއަށް މީހުން ގެނައުމަށް ހަދާފައިވާ އޮންލައިން ޓިކެޓްތަކެއް ފެނިގެންނެވެ.
ފުލުހުން ބުނީ، އެ މީހުންނަކީ ކޮވިޑް-19 އާ ހެދީ އެ ގައުމުން ބޭރަށް ނުދެވިފައި ތިބި ބައެއް ކަމަށާއި އެމީހުންނަށް އެގޮތަށް ޕާޓީ ކުރެވިދާނެ ކަމަށް ހީވެދާނެ ކަމަށެވެ. ނަމަވެސް އެއީ އެގައުމުގައި މަނާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގައުމުގައި އެކުލަވާލާފައިވަނީ އުސޫލުތަކާއި ހިލާފުވެއްޖެނަމަ، 1،330 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުން ނުވަތަ ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.