ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 3،652 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނޭ އިރު، އިއްޔެ މަރުވި މީހުންނާ އެކު، އެ ގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 447,459 އަށް އަރައިފައެވެ. އަދި އިތުރު 169,033 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 26,512,193 އަށް އަރައިފައެވެ. ކޮވިޑް-19 ޖެހިގެންނާއި މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ވެސް އެމެރިކާގައެވެ.

އެމެރިކާގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 ބަލީގައި މަރުވެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން 4،482 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެމެރިކާގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އައިއިރު ރަނގަޅުވެފައި ވަނީ 16,199,572 މީހުންނެވެ. އަދި މި ބަލީގައި 9,865,162 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 24,963 މީހަކު ތިބީ ސީރިއަސް ހާލަތުގައެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ލަފާކުރި ވަރަށް ވުރެ ލަސް ދުވެއްޔެއްގައެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދޭން އެމެރިކާ އިން އަމާޒު ހިފި ނަމަވެސް އަދި ވެކްސިން ދެވުނީ 5.3 މިލިއަން މީހުންނަށެވެ. މިހާރު 17.2 މިލިއަން ޑޯޒްގެ ވެކްސިން ވަނީ އެމެރިކާގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައެވެ.