ކޮވިޑް-19 އަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ބައްޔެވެ. މި ބަލީގައި ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު މަރުވާއިރު، ބަލީގައި ހާލުދެރެވާ މީހުންގެ އިންސައްތަވެސް އަންނަނީ އިތުރުވަމުންނެވެ.

މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ނަރުހުންނާއި ޑޮކްޓަރުން އަވަދިނެތި އުޅޭއިރު، އެބޭފުޅުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރުވެރި ކަމަކީ ޖާގައިގެ ދަތިކަމެވެ. އެގޮތަށް އެބޭފުޅުންނަށް ވިސްނެނީ ކޮންމެ ދެ މިނެޓަކުން އެއް ފަހަރު ބަލި މީހަކު ހޮސްޕިޓަލަށް ގެންނާތީއެވެ. މިއީ ސިއްހީ ނިޒާމު ވަރުގަދަ އިނގިރޭސިވިލާތުގެ ބާނޭ ހޮސްޕިޓަލެއްގެ ހާލަތެވެ.

އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ތެރަޕީ ޔުނިޓް (އައީޓީޔޫ) ގައި މަސައްކަތް ކުރަމުން އައި ނަރުހަކު ވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރުމަކީ އެއީ ކިހާ ވަރެއްގެ ކަމެއް ކަން ކިޔާދީފައެވެ.

އެވާހަކަތައް ފަށައިގަންނަމުން އޭނާ ބުނީ، އެއީ އަވަސް ރޭހެއް ނޫން ކަމަށާއި އެއީ ދިގު ރޭހެއް ކަމަށެވެ. އޭނާ އެގޮތަށް ފާހަގަ ކޮށްފައިވަނީ އެ ހޮސްޕިޓަލަށް ކޮންމެ 2 މިނެޓަކުން ބަލި މީހަކު ގެންނާތީއެވެ. އެތަނުގައި މަސައްކަތް ކުރާ ނަރުހުންނަށް ތަނެއްގައި ހަމަ ޖެހިލައިގެން ތިބެވޭނެ ވަގުތެއް ނުލިބެއެވެ. މިއީ އެބޭފުޅުންގެ ވަޒީފައެވެ.

ކޮންމެ ދެ މިނެޓަކުން ބަލި މީހަކު ގެންނަ ވާހަކަ ކިޔައި ދިނުމުން އެންމެން ގަބޫލު ކުރާނީ އެކަމުން އުނދަގޫވާނީ ޑޮކްޓަރުންނާއި ނަރުހުންނަށް ކަމަށެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލް ސާފު ކުރުމުގައި ހަރަކާތްތެރިވާ މަސައްކަތު މީހުންނަށްވެސް އުނދަގޫތަކެއް ކުރިމަތިވެއެވެ.

އެބޭފުޅުންގެ ވަޒީފާއަކީ ބިންމަތި ސާފު ކުރުމާއި، ސިންކް އަދި ފާހަނާ ފަދަ ތަންތަން ސާފު ކުރުމެވެ. އާންމު ހާލަތުގައި މިއީ ވަރަށް ފަސޭހަ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލި މަޑު ކަމުގެ ސަބަބުން އެ މީހުންނަށްވެސް އެއީ އުނދަގޫކަމެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ.

އެއް އެނދު ސާފުކޮށް، ބެޑްޝީޓު އަޅައި ނިމޭއިރު އަނެއް އެނދު ހުންނަން ޖެހެނީ ތައްޔާރު ކުރަން ޖެހިފައެވެ. ސިންކު ތަކާއި އިސްކުރުތައް އަބަދުވެސް ޖެހެނީ ސެނިޓައިޒް ކުރާށެވެ.

ހޮސްޕިޓަލަށް ކޮންމެ ދެ މިނެޓަކުން ބަލި މީހަކު ގެންނަ ވާހަކަ އަޑުއިވުމުން ބައެއް މީހުންގެ ހިތަށް އަންނަ ސުވާލަކީ އެހާ ގިނަ ބަޔަކު ކޮންމެ ދުވަހަކު ބަލި ޖެހިގެން މަރުވާއިރު، އެފަރާތްތަކުން މަރުވަނީ ފަރުވާ ދިނުމުގެ މަގުމަތީގައި ތޯއެވެ.