ކޮވިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގައި ދެމުން އަންނަ ވެކްސިން ޕްރޮގްރާމް މެދުކަނޑާލުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.

ސިއްހަތު ޖަމްއިއްޔާއިން ވިދާޅުވީ، އެގައުމުގައި ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ވެކްސިން ދެވުމުން ދެން އެގައުމުގައި ވެކްސިން ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެއީ ދެން ހުރި ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދޭން ޖެހޭތީ ކަމަށް އެޖަމްއިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ވެކްސިން ދިނުން ހަލުވި ކަމާއި އެކީ ކުރެވެމުން އަންނައިރު، ބަލި ފެތުރިފައިވާ ފަގީރު އެހެން ގައުމުތަކުގައި ވަނީ ވެކްސިން އަދި ދޭކަށް ފަށާފައެއް ނުވެއެވެ. އިނގިރޭސިވިލާތުން މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް 7 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރޭގައި ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ދިން މީހުން ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އެދަނޮމް ވަނީ މީގެ ކުރިން ތަކުރާރުކޮށް ހަމަހަމަ ކަމާއި އެކީ ހުރިހާ ހިސާބަކަށް ވެކްސިން ފޯރު ކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ތިމާމީހާ ފުރަތަމަ ކަމަށް ބަލައިގެން ވެކްސިން ދޭނަމަ އެކަމުގެ ސަބަބުން އިގްތިސޯދަށާއި ދެންތިބޭ މީހުންނަށް ގެއްލުން ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިގޮތަށް ވިދާޅުވި ނަމަވެސް، އިނގިރޭސިވިލާތުގެ މިނިސްޓަރުން ވިދާޅުވެފައި ވަނީ އެޖަމްއިއްޔާއިން ފޯރުކޮށްދޭ ވެކްސިން ތަރައްގީ ވަމުން އަންނަ 92 އަކަށްވުރެ ގިނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް 548 މިލިއަން ޕައުންޑް ހަރަދު ކޮށްފައިވާ ކަމަށެވެ.

އެގައުމުގައި ހަލުވި ކަމާއި އެކީ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު، ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވިފައި ނުވާތީ ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ.