އިނގިރޭސިވިލާތުން މީގެ ކުރިން ފެނިފައިވާ ކޮވިޑް-19 ގެ އާ ވައްތަރު ފަލަސްތީނުން ފެނިއްޖެއެވެ.

މިީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އެގައުމުން މީގެ ކުރިން ފައްސިވެފައިވާ ބަޔަކަށްވެސް ޖެހިފައިވަނީ އާ ވައްތަރެއްގެ ކޮވިޑް-19 އެއް ކަމަށް ތުހުމަތު ކުރެވެއެވެ. އެހެން ނަމަވެސް އެގައުމުގެ ހެލްތް މިނިސްޓްރީން އެކަން ޔަގީން ކޮށްދީފައިވަނީ އެގައުމުގެ ދެ ހިސާބަކުން 11 މީހަކު ވަނީ ފައްސިވުމުންނެވެ.

އިސްރާއީލުން ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިގެން ކުރިއަށް ގެންދާއިރު، ޖެހިގެން އޮންނަ ފަލަސްތީނުގެ ރައްޔިތުން އަދިވެސް ތިބީ ވެކްސިން ލިބޭނެ ދުވަހަކަށް އިންތިޒާރުގައެވެ. އިސްރާއީލުގެ މީހުން ވަނީ ވެކްސިން އެގައުމުގައި ދެމުން، ފަލަސްތީނުގެ ސިއްހީ މާހިރުންނަށްވެސް ކޮންމެވެސް ވަރަކަށް ވެކްސިން ދީފައެވެ. އެހެން ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ވާ ވަރަށް އެމީހުން ވެކްސިން ފޯރު ކޮށްދީފައެއް ނުވެއެވެ.

އެހެން ކަމުން ވެސްޓް ބޭންކުގައި ތިބޭ ފަލަސްތީނުގެ މީހުންނާއި ޣައްޒާގައި ތިބޭ ހަމާސްގެ މީހުން އަންނަނީ އެމީހުން އަމިއްލައަށް ވެކްސިން ގަތުމުގެ މަސައްކަތް ކުރަމުންނެވެ.

އެގައުމުން މިހާތަނަށް 158،559 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 28 މީހުންނަކީ ކޮވިޑް-19ގެ އާ ވައްތަރަށް ފައްސިވެފައިވާ މީހުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް ބަދަލުތަކެއް އައިސް އާވޭރިއަންޓްތަކެއް އުފެދުނު ނަމަވެސް އާވޭރިއަންޓްތަކަށް ފައްސިވާ މީހުންގެ ހާލަތު ވަކިން ބޮޑަށް ގޯސްވެގެން ދާކަމަކަށް އަދި ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް އާވެރިއަންޓްތައް މާއަވަހަށް ފެތުރެމުން ދާތީ އެއީ ނުރައްކަލެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.