ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން އިތުރު 1،196 މީހުން މަރުވެއްޖެއެވެ.

ބްރެޒިލް އިން އިއްޔެ ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ކޮވިޑް-19 ޖެހިގެން އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 223,971 އަށް އަރައިފައެވެ. އެގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ގައުމުން 1،554 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑް-19 އާ ބެހޭ މައުލޫމާތުތައް ހާމަކުރާ ބައިނަލްއަގްވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، އިއްޔެ އެކަނިވެސް ބްރެޒިލް އިން އިތުރު 57,498 މީހުން ވަނީ ފައްސިވެފައެވެ. މިއާއެކު މިހާރު ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 9,176,975 އަށް އަރައިފައެވެ.

އެންމެ ގިނަ ބަޔަކަށް އެއްދުވަސް ތެރޭ އެގައުމުން ބަލި ޖެހިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ 87،134 އެވެ.

ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 7,998,246 މީހުންނެވެ. އަދި މިވަގުތު 954,758 މީހުންނަށް ފަރުވާދެމުން އަންނަ އިރު، އޭގެ ތެރެއިން 8,318 މީހުންނަށް އެ ގައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މިބަލީގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމެއްގެ ގޮތުގައި އޮތް ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެ ގައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 219 ގައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 103 މިލިއަނަށް ވުރެ މަތީގައި އުޅޭއިރު، އޭގެތެރެއިން ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.