ފަލަސްތީން ރައްޔިިތުންނަށް ބައިނަލްއަގުވާމީ ހިމާޔަތް ހޯދައިދިނުމުގެ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހަށް ކުވައިތުން ހުށައެޅި ގަރާރު އެމެރިކާއިން ވީޓޯ ކޮއްފިއެވެ.

ކުވޭތުން މި ގަރާރު ފުރަތަމަ ހުށަހެޅީ މީގެ 10 ދުވަސް ކުރިންނެވެ. އެއީ ގާޒާ ބޯޑަރުގައި އިޒްރޭލުން ހިންގި އުދުވާނުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

ކުވޭތުގެ ގަރާރާ ގުޅޭ ގޮތުން އިއްޔެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި ގަރާރާއި އެކޮޅަށް ވޯޓުގައި ބައިވެރިވި 15 ގައުމުގެ ތެރެއިން ރަޝިއާ, ފްރާސް , ޗައިނާ ގެ އިތުރުން އިތުރު 7 ގައުމެއް ވޯޓް ދިނެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ވޯޓު ނާކާމިޔާބު ވުމުން، މި މައްސަލަ މައްސަލަ އާއްމު މަޖިލީހަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށް ޑިޕްލޮމެޓުން ބުނެ އެވެ.

މި ގަރާރުގައި ވަނީ އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ މަދަނީ އާބާދީ ހިމާޔަތް ކުރަން ބައިނަލްއަގުވާމީ ގޮތުން އެޅިދާނެ ފިޔަވަޅުތަކެވެ.

އެމެރިކާ އިން މި ގަރާރު ވީޓޯ ކުރާނެ ކަމަށް ބެކެވޭއިރު ސަލާމަތީ މަޖިލީހުގައި އަރަބި ގައުމުތައް ތަމްސީލް ކުރާ ހަމައެކަނި ގައުމު ކަމަށްވާ ކުވޭތުން އުއްމީދު ކުރަނީ އެކަށީގެންވާ އަދަދަކަށް ވޯޓު ލިބޭނެ ކަމަށެވެ.

އެމެރިކާ އިން ދެކޭ ގޮތުގައި އެއީ އިޒްރޭލަށް ވަރަށް ބޮޑަށް ބޭއިންސާފުކޮށްފައިވާ ގަރާރެކެވެ. އިސްރާއީލުގެ ސަފީރު ޑެނީ ޑެނޮން ބުނެފައިވަނީ ކުވޭތުގެ ގަރާރަކީ ބޮޑު ލަދުވެތި ކަމެއް ކަމަށާއި އެއީ ހަމާސް އަށް އެހީތެރިވެދޭން ޑްރާފްޓްކުރި ގަރާރެއް ކަމަށެވެ.

މި ގަރާރު ހުށައޅާފައިވާއިރު ފަލަސްތީނު ރައްޔިތުން މާޗް 30 ވަނަ ދުވަހުން ފެެށިގެން ގެންދަނީ "ގްރޭޓާރ މާޗް އޮފް ރިޓާރން" ގެ ނަމުގައި ފަލަސްތީނު ރެފިއުޖީންނާއި އަދި އެބައިމީހުންގެ ދަރިން އަނބުރާ އަލުން ފަލަސްތީނުގެ ބިމަށް އާދެވޭނެ ގޮތް ހަދައިދިނުމަށް އެދި މުޒާހަރާތަކެއް ފަށާފައެވެ.

ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް އެކަމާއި ދެކޮޅަށް ފަލަސްތީންގެ ޣައްޒާގައި މުޒާހަރާ ކުރަމުންދާ ފަލަސްތީންގެ ރައްޔިތުންގެ ގަޔަށް އިސްރާއީލްގެ އަނިޔާވެރި ސިފައިން ވަނީ ބަޑި ޖަހާފައެވެ. ސްނައިޕަރުން ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 130 މީހުން ޝަހީދު ވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި 13،000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ.