ކޮވިޑް-19 ފެތުރުމުގެ އަސްލު ހޯދުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަހުގީގީ ޓީމެއް ވައިރަސް ފުރަތަމަ ފެތުރެން ފެށި ކަމަށް ބުނާ ޗައިނާގެ ވޫހާން ސިޓީއަށް ގޮސްފިއެވެ.

ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ޖަމިއްޔާގެ ބައެއް ބޭފުޅުން އެގައުމުގެ ބައިޝޯޒޯ މާރުކޭޓު ސަރަހައްދުގައި ހިނގާފައި އުޅޭ މަންޒަރު ވަނީ ފެނިފައެވެ. އެމީހުންގެ ކައިރީ އެގައުމުގެ ސަރުކާރުގެ ބައެއް ބޭފުޅުން ތިއްބެވި ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

މި މާރުކޭޓަކީ ފުރަބަންދު (ލޮކްޑައުން) ގެ ތެރޭގައި މުޅި ވޫހާނަށް ކާ ތަކެތި ފޯރުކޮށްދީފައިވާ މާރުކޭޓެވެ.

މީގެ ކުރިންވެސް އެ ޖަމްއިއްޔާއިން ވަނީ ވޫހާން އަށް ތަހުގީގީ ޓީމެއް ފޮނުވުމަށް މަސައްކަތް ކޮށްފައެވެ. އެ ޖަމްއިއްޔާއާއި ބެއިޖިންގެ 10 ސައިންސްވެރިން ވަނީ މި ތަހުގީގު ވަރަށް ފުރިހަމަކޮށް ދާނެ ކަމަށް އުއްމީދު ކޮށްފައެވެ.

މި ޓީމުން ވަނީ ބަލި ފުރަތަމަ ފެތުރެން ފެށި ސަރަހައްދުގައި ހުރި ދެ ހޮސްޕިޓަލަކަށް ޒިޔާރަތްކޮށްފައެވެ. އަދި މިއުޒިއަމްތަކަށް ޒިޔާރަތް ކޮށްފައިވާއިރު، މިހާރު އެ ބޭފުޅުން އަންނަނީ އިތުރު މާރުކޭޓްތަކާއި ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ވުހާން ސިޓީގެ ހޮސްޕިޓަލެއް

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެގޮތަށް ދާ ސައިންސްވެރިންނަށް އަދި މި ބަލީގެ އަސްލަކީ ނުވަތަ ބަލި ފުރަތަމަ ފެތުރެން ފެށީ ކޮބައިތޯ ދެނެގަންނަން އުނދަގޫވާނެއެވެ.

މިގޮތަށް މިކަން ކުރުމަށް ސިއްހަތު ޖަމްއިއްޔާއިން ނިންމި ނަމަވެސް ޗައިނާއިން ވަނީ އެމީހުންނަށް ކުރަމުން އަންނަ ތުހުމަތު ދޮގު ކޮށްފައެވެ. ޗައިނާއަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވަނީ އެގައުމަކީ ކޮވިޑް-19 އަށް މީހަކު ފުރަތަމަ ފައްސިވި ގައުމަށްވެފައި، އޭނާ ފައްސިވެފައިވާކަން އެނގިފައިވަނީ ގިނަ އަދަދެއްގެ ޖަނަވާރުންގެ ވިޔަފާރި ކުރާ ސަރަހައްދަކުން ކަމަށްވާތީއެވެ.

ސިއްހަތު ޖަމްއިއްޔާގެ ބޭފުޅުން ދުރުވާ ހުރިހާ ތަނަކަށް ޗައިނާގެ އޮފިޝަލުން ވަޑައިގަންނަވާ

ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ ޗައިނާއިން ފެނިފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

އޭގެ ފަހުން ދުވަހުން ދުވަހަށް އެގައުމުން ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ގިނަ ގޮންޖެހުންތަކަކާއި އެގައުމުން ވަނީ ކުރިމަތިލާފައެވެ. އަދި ދުވަސްކޮޅެއް ނުވަނީސް އިތުރު ގައުމުތަކަށް ބަލި ފެތުރެން ފެށުމުން ދެން އެގައުމުން ވަނީ ބަލި ސީރިއަސް ކޮށް ނަގަން ފަށާފައެވެ.