ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ޕޯޗުގަލްގެ އައިސީޔޫތައް ފުރުމުން، އެ ގައުމުން ގައުމުތަކުގެ އެހީއަށް އެދިއްޖެ އެވެ.

ޕޯޗުގަލްގައި ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ 850 އައިސީޔޫ އެނދުން މިހާރު ބާކީ ހުރީ އެންމެ ހަތް އެނދެވެ.

ޕޯޗުގަލްއިން އެހީއަށް އެދުމުން އޮސްޓްރިއާއިން މިހާރު ވަނީ އެ ގައުމަށް ޕޯޗިގަލްގެ ބަލި މީހުން ގެންދާނެ ކަން ހާމަކޮށްފައެވެ. އޮސްޓްރިއާގެ ޗާންސެލަރ ވިދާޅުވީ،އައިސީޔޫގެ ހިދުމަތް ބޭނުންވާ ޕޯޗުގަލް ބަލި މީހުން އެ ގައުމަށް ގެންދަން ތައްޔާރު ކަަމަށާއި، އެގައުމަށް ގެންދާނެ ބަލި މީހުންގެ އަދަދާއި މެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޮސްޓްރީއާއިން މީގެ ކުރިން ވަނީ ފްރާންސް، އިޓަލީ އަދި މޮންޓެނެގެރޯގެ ހާލަތު ގޯސްވިއިރު، އެ ގައުމުތަކުގެ ބަލި މީހުންވެސް އޮސްޓްރިއާއަަށް ގެންގޮސް ފަރުވާ ދީފައެވެ.

މީގެ އިތުރުން ޖަރުމަން ވިލާތުންވެސް ވަނީ ޕޯޗުގަލްއަށް އެހީ ވޮނުވަން ނިންމާފައެވެ.

ޖަރުމަންވިލާތުގެ ޑިފެންސް މިނިސްޓްރީން ވިދާޅުވީ، ޕޯޗުގަލްއަށް 27 ޑޮކްޓަރުންނާއި، ސިއްހީ ހިދުމަތްތެރިންނާއި، ބޭނުންވާ އިތުރު އެހީ ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.