ޕާކިސްތާންގެ އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ)ގެ އަންހެން ކްރޫއެއް ކެނެޑާއަށް ގެއްލިއްޖެ އެވެ.

އޭނާ ގެއްލިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ މިއަދު އެވެ.

ޑަވްން ނޫޖުން ބުނެފައި ވަނީ، ޕީއައިއޭ ފްލައިޓް ޕީކޭ-798 އިން ޓޮރޮންޓޯއަށް ޖެނުއަރީ 29 ވަނަ ދުވަހު ޖެއްސި ފްލައިޓްގެ ކްރޫއެއް ގެއްލިފައިވާ ކަމަށެވެ.

އަދި މިހާރު ކެނެޑާގައި ހުންނަ ޕީއައިއޭގެ ސްޓޭޝަން މެނޭޖަރުގެ ސަމާލުކަމަށް ގެނެސް، އެއާޕޯޓް އޮތޯރިޓީއަށްވެއސް ވަނީ އަންގާފައެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ސީނިއާ މީހުން ކައިރީގައި އެއްވެސް އެއްޗެއް ބުނެފައި ނުވާތީ އާއި އަދިވެސް އޭނާ ނުފެންނާތީ ކަމަށް ވެއެވެ.

މިހާރު އޭނާ ހޯދުމުގެ މަސައްކަތް ޕީއައޭ މެނޭޖްމެންޓުން ދަނީ ކުރަމުންނެވެ.އެ މަސައްކަތުގެ ތެރެއިން ކެނެޑާ އިމިގްރޭޝަންއަށްވެސް އެ މައުލޫމާތު ދީފައި ވެއެވެ.

ޕީއައިއޭގެ ތަރުޖަމާނުވެސް ވަނީ އެ ކުންފުނީގެ އަންހެން ކެބިން ކްރޫއެއް ގެއްލިގެން އުޅޭކަމަށް ރިޕޯޓްކޮށްފައެވެ.