ކޮވިޑް-19ގެ ސަބަބުން އިއުލާނު ކުރި ފުރަބަންދު ނުނިމެނީސް އޮސްޓްރޭލިއާގެ ރައްޔިތުންނަށް އިތުރު ތަކުލީފެއް ކުރިމަތި ވެއްޖެއެވެ.

އޮސްޓްރޭލިއާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޕާތްގައި ދިރިއުޅެމުން އައި ރައްޔިތުން ގެއިން ނުނިކުމެ ތިބުމަށް އިލްތިމާސް ކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ގިނަ ބަޔަކު އަމިއްލަ ގެތައް ދޫކޮށް އެހެން ތަންތަނަށް ވަނީ ބަދަލުވެފައެވެ.

އެ ގައުމުގެ މީހުން އެހެން ތަންތަނަށް ބަދަލުވެފައިވަނީ ވަލުތެރޭގައި ރޯވެ، އަލިފާނުގެ އަސަރު ގެތަކަށް ކުރަން ފެށުމުންނެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޔެއެވެ. ހޫނު ގަދަވެ، ގަސްތައް ހިކިފައި އޮތުމުން އަލިފާން ގަނޑުވަނީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ގަދަވެފައެވެ. މިއަދާ ހަމައަށް އެ ސަރަހައްދުގެ 20،000 ހެކްޓަރު ވަނީ އަނދައިފައެވެ.

މި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި މީހަކަށް ދުމުގެ އަސަރު ކޮށްގެން ހާލު ދެރަވެގެން މިވަގުތު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މި ހާދިސާގައި މީހުންނަށް ގެއްލުންވުމުގެ ކުރިން ކަމާބެހޭ އިދާރާތަކުގެ މީހުން ވަނީ އެހިސާބުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އާއިލާ ގޭގެ ނުވަތަ ރައްޓެހިންގެ ގެތަކަށް ވަގުތީ ގޮތުން ބަދަލުވުމަށް އިލްތިމާސް ކޮށްފައެވެ.

ޕާތްގެ ސަރަހައްދެއްގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު އެ ސިޓީ ވަނީ ހަރުކަށި ފުރަބަންދަކަށް ގެނެސްފައެވެ. އެގައުމުން މިހާތަނަށް 28،824 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 7،847 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ޔޫރަޕުގެ ދޮންމީހުން، އޮސްޓްރޭލިއާގެ އަސްލު ރަށްވެހިން މަރާލާފައި އެމީހުންގެ ބިމަށް ވެރިވެގަތުމުގެ ހިތި ނަތީޖާ ތިފެންނަނީ.

  2. ވަޓްސްއެޕް

    ކޮބާތަ އަސްލުމީހުނަނަކީ؟ ދިވެހިން ދޯ.