ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިއަދުވެސް އިތުރު 1،449 މީހަކު މަރުވެއްޖެއެވެ.

މިއަދު އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންނާއިއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 108,013 އަށް އަރާފައި ކަމަށް ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގެ ތެރޭގައި މަރުވެފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،820 މީހަކު ވަނީ މަރުވެފައެވެ.

މިއަދު އިނގިރޭސިވިލާތުން ވަނީ 16,840 މީހަކު ފައްސިވެފައެވެ. މިއާއި އެކީ އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3,852,623 އަށް އަރާފައެވެ. އެގައުމުން އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގެ ތެރޭގައި ފައްސިވެފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

އިނގިރޭސިވިލާތުގައި އަދިވެސް ކޮވިޑް-19 ފެތުރުމަށް ބޮޑު މަޑުޖެހުމެއް އަންނަކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ. ނަމަވެސް ކޮވިޑް-19 ވެކްސިން ދޭ މީހުންގެ އަދަދު އެގައުމުގައި އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އެގޮތުން މިހާތަނަށް 8 މިލިއަނަށްވުރެ ގިނަ މީހުންނަށް އެގައުމުގައި ވަނީ ވެކްސިން ދީފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 1,787,706 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެގައުމުން 1,956,904 މީހަކަށް ފަރުވާ ދެމުން އަންނައިރު، 3,726 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ނުވަތަ އައިސީޔޫގައެވެ.

އިނގިރޭސިވިލާތުގެ ހާލަތު ގޯސްވެގެން ގޮސްފައި ވަނީ ވައިރަސްގެ އާވޭރިއަންޓްތަކެއް އެގައުމުގައި ފެތުރެން ފެށުމުންނެވެ. މިވޭރިއަންޓްތަކުގެ ސަބަބުން މާފަސޭހައިން ކޮވިޑް-19 އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު