ކޮވިޑް-19 ޖެހޭ މީހުންގެ 88 އިންސައްތަ މީހުންނަށް އަލުން ބަލި ޖެހުމަށް ހަސް މަސް ނަގާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސި ވިލާތުގައި ހެދި މި ދިރާސާ އިން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 88 އިންސައްތަ މީހުންގެ ހަށިގަނޑުގައި ހަ މަސް ވަންދެން ވައިރަހުގެ އެންޓިބޮޑީސް ހުރެއެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން 99 އިންސައްތަ މީހުންގެ ހަށިގަނޑުގައި ވައިރަހުގެ އެންޓިބޮޑީސް ތިން މަސްވަންދެން ހުރެއެވެ.

ޔޫކޭގެ ބަޔޯބެންކް އިން ހެދި މި ދިރާސާ ދައްކާ ގޮތުން ޔޫކޭގެ 8.8 އިންސައްތަ މީހުންނަށް މިދިޔަ ޑިސެމްބަރު މަހާ ހަމައަށް ބަލި ޖެހިފައި ވެއެވެ. އަދި ސްކޮޓްލެންޑް ގައި 12.4 އިންސައްތަ މީހުންނަށް ބަލިޖެހިފައި ވެއެވެ.

ޔޫކޭގައި ހެދި މި ދިރާސާގައި 20،200 މީހުންގެ ސުންކު ނަގާފައިވާ އިރު ސުންކު ނަގާފައިވާ މީހުންގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. މި ދިރާސާގެ ނަތީޖާ އެއްވެސް ޖިންސަކަށް ތަފާތުވާ ކަމަށް ނުދައްކައެވެ.

ދިރާސާ ކުރި ފަރާތުން ބުނީ ހަށިގަނޑުގެ ތެރޭގައި އެންޓިބޮޑީސް އުފައްދާ މިންވަރު އެކި އުމުރުފުރާތަކުގެ މީހުންނަށް ތަފާތު ކަމަށެވެ. އެގޮތުން 30 އަހަރުން ދަށުގެ ފަރާތްތަކަށް 13.5 އިންސައްތަ އެންޓިބޮޑީސް އިތުރުވާއިރު 70 އަހަރުން މަތީގެ ފަރާތްތަކަށް އެންޓިބޮޑީސް އިތުރު ވަނީ 6.7 އިންސައްތަ އަށެވެ.

ދިރާސާ ކުރި ފަރާތުން ބުނީ އެންޓިބޮޑީސް ހަށިގަނޑުގައި ހުރި ކަމުގައި ވިޔަސް އެހެން މީހުންނަށް ބަލި ޖެއްސުމުގެ ފުރުސަތު ނެތް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި ރައްކާތެރި ވުމަށް ވެސް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޔޫކޭ ބަޔޯބެންކް ޕްރިންސިޕަލް އިންވެސްޓިގޭޓަރ، ޕްރޮފެސަ ސާ ރޯރީ ކޮލިންސް ވަނީ ގައިދުރުކަން އިސްކުރުމާއި ފުރަބަންދުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބަން އިރުޝާދު ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު