ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑުގެ އެސްޓްރާޒެނެކާ އިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 17 މިލިއަން ޑޯޒު ލިބޭނެ ކަމުގެ ޔަގީންކަން ޕާކިސްތާނުން ދީފިއެވެ.

އެގައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 17 މިލިއަން ޑޯޒުގެ ތެރެއިން ހައެއް ނުވަތަ 6.8 މިލިއަން ޑޯޒު މި އަހަރުގެ ފުރަތަމަ ކުއާޓަގައި އެގައުމަށް ލިބޭނެއެވެ. އެއީ އެ ވެކްސިންގެ 35 ނުވަތަ 40 އިންސައްތައެވެ.

ކޮވިޝީލްޑްގެ 17 މިލިއަން ޑޯޒު ލިބޭނެ ކަމަށް އެ ގައުމުން ޔަގީން ކޮށްފައިވާ އިރު، ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕުން އުފެއްދި "ސައިނޯފާމް" ވެކްސިންގެ 500،000 ޑޯޒުވެސް އެގައުމުން މީގެ ކުރިން ވަނީ ހޯދާފައެވެ.

"ސައިނޯފާމް ވެކްސިންގެ ފަސްލައްކަ ޑޯޒުގެ އިތުރުން ކޮވިޝީލްޑް ވެކްސިންގެ ހަތް މިލިއަން ޑޯޒު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރައްޔިތުންނަށް ހިލޭ ދެވޭނެ ކަމީ އުފަލާއި އެކީ ފާހަގަކުރާ ކަމެއް" ޕާކިސްތާނު ބޮޑުވަޒީރުގެ އެސިސްޓެންޓް ޑޮކްޓަރު ފައިސަލް ސުލްތާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިން އެ ގައުމުގެ ރައްޔިތުންނަށް ހިލޭ ދިނުމަށް ނިންމާފައިވަނީ މިހާރު ކުރިއަށް ގެންދާ ގްލޯބަލް ކޮވެކްސް އެލައެންސްގެ ދަށުންނެވެ.

"ކޮވިޝީލްޑް އިންޑިއާގައި އުފެއްދި ނަމަވެސް، މި ވެކްސިން އަންނާނީ ކޮވެކްސްގެ ދަށުން. މި ޖަމްއިއްޔާއިން ޕާކިސްތާނުގެ އާބާދީގެ 20 އިންސައްތަ އަށް ހިލޭ ވެކްސިން ދޭނެ" ސުލްތާން ބުންޏެވެ.

ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އެތޯރިޓީން ސައިނޯފާމް އަދި ކޮވިޝީލްޑް ވެސް އެ ގައުމުގައި ރަޖިސްޓަކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާއިރު، މީގެ ކުރިން އެ ގައުމުގެ ސަރުކާރުން ވަނީ ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ރަޝިއާގެ ސްޕުޓްނިކް-ވީ، ޗައިނާގެ ސައިނޯފާމް އަދި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިދިޔަ މަހުގެ 28 ވަނަ ދުވަހު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު