ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދިން ފުރަތަމަ ގައުމަކަށް އިންޑިއާވެއްޖެއެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީ ވެލްފެއާ އިން ބުނީ 18 ދުވަސް ތެރޭގައި އިންޑިއާ އިން ހަތަރު މިލިއަން މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އިންޑިއާ ހިމެނެނީ ދުނިޔޭގައި އެންމެ ގިނަ ބަޔަކަށް ވެކްސިން ޖެހި ފަސް ގައުމުގެ ތެރޭގައެވެ. އެ ގައުމުން ދަނީ ކޮވިޑާ ހަނގުރާމަކޮށް ބޮޑެތި ކުރިއެރުންތައްވެސް ހޯދަމުންނެވެ.

އިންޑިއާގެ 14 ސްޓޭޓަކުން ފާއިތުވި 24 ގަޑިއިރު ކޮވިޑުގެ އެއްވެސް ވޭދަނަ އެއް ނުފެންނަ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އެ ސްޓޭޓްތަކުގެ ތެރޭގައި އަރުނާޗަލް ޕްރަދޭޝް، ޓްރައިޕޫރާ، މިޒޯރަމް، ނަގަލެންޑް، ލަކްޝަޑްވީޕް އަދި ގޯއާ ހިމެނެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންޑިއާގައި މަދުވަމުންދާ އިރު ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް ވަނީ މަދުވާން ފައްޓަވައިފައެވެ. އިންޑިއާ އަކީ ކޮވިޑުން މީހުން ފަސޭހަވާ މީހުންގެ އިންސައްތަ އެންމެ މަތީގައި އޮތް ގައުމެވެ. އެގޮތުން އެ ގައުމުން މީހުން ކޮވިޑަށް ފައްސިވެ ބަލިން ފަސޭހަވާ މިންވަރު ވަނީ 97.08 އިންސައްތަ އަށް އަރައިފައެވެ.

ކޮވިޑް ޖެހޭ މީހުންނާއި ބަލިން ފަސޭހަވާ މީހުންގެ އަދަދުގެ މެދުގައި ބޮޑު ފަރަގެއް އޮތް އިރު އެ ގައުމުގެ 31 ސްޓޭޓެއްގައި ފައްސިވެފައި ތިބި މީހުންގެ ޢަދަދު އުޅެނީ 5،000 ދަށުގައެވެ.

އިންޑިއާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 1،88،762 މީހުންނަށް ފާއިތުވި 24 ގަޑިއިރު ވަނީ ކޮވިޑް-19 ގެ ވެކްސިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނާޒާ

    ކޮވިޝީލްޑް ވެކްސިން ސްވިޒަލޭންޑުގައި ބޭނުން ކުރަން ހުއްދަ ނުދޭން ނިންމައިފިޔޯ. ނަމަވެސް މިރާއްޖޭގައި ބޭނުންކުރަން ނިންމެވީތީ ، ބަސްތާގޯނީގައި އޮއްގަލުން ޝުކުރުދަންނަވަން.

  2. ޖަނާޒާ

    އިންޑިއާ އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ޕޮލޭންޑުން ނިންމައިފިޔޯ . ކީއްވެބާ . އަހަރެން ޖަހަންބޭނުން. ޖަހާނަން. އެކަމަކު އެމީހުން ކީއްވެބާ . މި ހުއްޓުވަނީ

  3. ޑަބިޔާ

    އިންޑިޔާގަ ތިވެކްސިނެއް ޖަހާތަ އެތަކެއް ދުވަހެއް ވެއްޖެ ޖެހުނީ 4 މިލިޔަން. އުފައްދާ ގައުމު ތީގެއިން އިގެނީ ހުދު އިންޑިޔާ މީހުންވެސް ތި ޖަހަން ބޭނުން ނުވާކަން. ތިވެކްސިން ބަހަނީވެސް ކަމުނުދާތީ