މިޞްރުގެ ރައީސްކަމަށް ދެވަނަ ފަހަރަށް އިންތިޙާބުވެވަޑައިގެން، ދެވަނަ ދައުރުގެ ހުވާ އަބްދުލް ފައްތާޙު އަލް ސީސީ ކުރައްވައިފިއެވެ. ދެވަނަ ދައުރުގެ ހުވާ އޭނާ ކުރެއްވީ މިއަދުއެވެ.

އެޤައުމުގެ ރިޔާސީ އިންތިޙާބު ބާއްވާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަދި، އެއިންތިޙާބުގައި ވޯޓުލީ މީހުންގެ 97 އިންސައްތަ ވޯޓު، ސީސީ އަށް ލިބިވަޑައިގެންފައިވެއެވެ.

އޭނާ އެންމެ ފުރަތަމަ މިޞްރުގެ ވެރިކަމަށް އިންތިޙާބުވެވަޑައިގަތީ 2014 ވަނަ އަހަރު، އޭރު ވެރިކަމުގައި ހުންނެވި މުޙައްމަދު މުރުސީ މަޤާމުން ދުރުކުރެއްވުމަށްފަހު ބޭއްވި އިންތިޙާބުގައެވެ. އޭރު ސީސީ ހުންނެވީ އަސްކަރިއްޔާގެ ވެރިއެއްގެ ގޮތުގައެވެ.

2014 ވަނަ އަހަރު ސީސީ އިންތިޙާބުވެވަޑައިގަތުމުން، ގިނަ ޤައުމުތަކަކުން އޭނާއަށް ފާޑު ވިދާޅުވެފައިވެއެވެ. އެގޮތުން، އެއިންތިޙާބުގައި ވޯޓު ލާން ނިކުމެފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު މީހުންނެވެ. އެހެންނަމަވެސް، އެއިންތިޙާބުން ސީސީ އަށް 96 އިންސައްތަ ލިބިލެއްވިއެވެ.

މި އަހަރުގެ އޮތް އިންތިޙާބުގައި، ސީސީ އާ ވާދަކުރެއްވުމަށް ރަނގަޅު އެހެން އެއްވެސް ކެނޑިޑޭޓެއްވެސް ނެތެވެ. އޭނާގެ އިތުރުން ދެން އިންތިޙާބުގައި ވާދަކުރެއްވީ ގިނަ ބަޔަކު ނުވެސް ދަންނަ މޫސާ މުސްތަފާއެވެ. މޫސާ މުސްތަފާ އިންތިޙާބުގައި ބައިވެރިވީވެސް، އިންތިޙާބަށް ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވައެވެ.

ސީސީ އަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ނޫސްވެރިން ހައްޔަރުކުރުމުގެ ރިކޯޑެއް އޮންނަ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ސީސީ އަކީ އެމެރިކާ އާއި އިޒްރޭލުގެ ޕަޕެޓެއް.

    • ގީލޯ

      ތިބުނީ ހަމަ ތެދެއް.

  2. އަބުޅޯ

    ހަމަތިކަހަލަ މީހެއް މިރާއްޖޭގެ ވެރިޔަކައްވެސް ހުރީ