ކޮވިޑް-19ގެ ބަލި މަޑުކަމުގެ ތެރޭގައި ފޭކު ވެކްސިންތަކެއް އޮޅުވާލައިގެން ވިއްކި ކަމުގެ ތުހުމަތުގައި ބަޔަކު މީހުން ޗައިނާއިން ހައްޔަރު ކޮށްފިއެވެ.

ބެއިޖިންގެ ފުލުހުން ބުނެފައިވަނީ ފޭކް ވެކްސިންތަކެއް ގައުމުތަކަށް ވިއްކި ކަމުގެ ތުހުމަތުގައި މިހާތަނަށް 80 ވަރަކަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުންނަކީ ވެކްސިން އުފައްދައިގެން ވިއްކަމުން އައި ބައެކެވެ.

އެގައުމުގެ މީޑިއާއަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ގްރޫޕު ހިންގުމާ ހަވާލުވެގެން ހުރީ ކޮންގް ނަމަކަށް ކިޔާ މީހެކެވެ. މި ގްރޫޕުން ވެކްސިން ވިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި އޭގެ ފަހުން ކޮންމެ ދުވަހަކު ގޮތަކަށް ޗައިނާގެ އިތުރުން އެހެން ގައުމުތަކަށް ވަނީ ވެކްސިން ވިއްކާފައެވެ.

އެމީހުން ހައްޔަރު ކުރިއިރު، ފުލުހުން ބުނީ އެމީހުންގެ އަތުން 3000 އަށްވުރެ ގިނަ ފޭކް ވެކްސިން އަތުލާފައިވާ ކަމަށެވެ.

އެގައުމުގެ ފޮރިން މިނިސްޓަރު ވެންގް ވެންބިން ވިދާޅުވީ އެ ހާދިސާ ހިނގާފައިވާތީ، އެމީހުން ވެކްސިން ވިއްކާފައިވާ ގައުމުތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

"ޗައިނާ ސަރުކާރުން އަންނަނީ ވެކްސިންގެ ސަލާމަތް ބަލަހައްޓަމުން. އެގޮތަށް ފޭކް ވެކްސިން ވިއްކާ ނަމަ އެފަދަ ކަންކަން ކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ. އަދި ކުރިއަށް އޮތް ތަނުގައި އެކަންކަން ބަލާނެ،" ވެންގް ބުންޏެވެ.

ޗައިނާއިން ވަނީ މިފަދަ ކުށްތައް ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމައިފައެވެ.

ފޭކް ވެކްސިން ވިއްކުމުގެ ތުހުމަތުގައި 80 މީހަކު މިއަދު ހައްޔަރު ކޮށްފައިވާއިރު، 2016 ވަނަ އަހަރުވެސް ފުލުހުން ވަނީ ވެކްސިން ވިއްކުމުގެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައެވެ.