ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް މީގެ 20 އަހަރު ކުރިން ހަމަލާދިން އިދިކޮޅު 50 މީހަކު ޖަލަށް ލައިފިއެވެ.

"އަލްޖަޒީރާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝެއިޚް ހަސީނާ އާއި އޭނާ ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހަމަލާ ދޭން އުޅުނު މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީގެ ކުރީގެ މަޖިލިސް މެމްބަރަކު ވެސް ހިމެނެއެވެ. އޭނާއަކީ އޭރު އެ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ.

މި އެންމެންވެސް ޖަލަށް ލާފައިވަނީ 10 އަހަރަށް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ދެހާސް ދެ ވަނަ އަހަރު ޝެއިޚް ހަސީނާ ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހަމަލާ ދީފައި ވަނީ ގާ، މުގުރުބުރި ފަދަ ތަކެތިންނެވެ. މި ހާދިސާގައި ޝެއިޚް ހަސީނާއަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުންނާއި ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

"ހަމަލާ ދިން މީހުންގެ ތެރޭގައި ކުރީގެ ތިން މަޖިލިސް މެމްބަރުން ހިމެނޭ. މި އެންމެން ވަނީ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި. ދެން ތިބި މީހުން ހަތަރު އަހަރާއި ބައި ނުވަތަ އެއަށްވުރެ ގިނަ އަހަރަށް" އެގައުމުގެ ދަައުލަތުގެ ވަކީލަކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިދިކޮޅު ބީއެންޕީއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ބީއެންޕީގެ ލީޑަރު މިވަގުތު ދަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަމްފީޒު ކުރަމުންނެވެ. އޭނާ ޖަލަށް ލާފައިވަނީ 2018 ވަނަ ހިންގި ކޮރަޕްޝަން ސާބިތުވެގެންނެވެ.