ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 521 މީހަކު މަރުވެ، ޕޮލޭންޑުން އިތުރު 444 މީހަކު މަރުވެއްޖެއެވެ.
ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އަދި ޕޮލޭންޑަކީ 14 ވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ.
ރަޝިއާއިން އިތުރު 521 މީހަކު މަރުވެ އެގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 75,205 އަށް އަރާފައެވެ. އެގައުމުން އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 635 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.
ޕޮލޭންޑަށް ބަލާއިރު، އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 38,344 މީހަކު ވަނީ މަރުވެފައެވެ. އެންމެ ގިނަ ބަޔަކު އެގައުމުން އެއް ދުވަސްތެރޭ މަރުވެފައިވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 674 މީހަކު ވަނީ މަރުވެފައެވެ.
ރަޝިއާއިން އިތުރު 16,714 މީހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 3,917,918 އަށް އަރާފައެވެ. އަދި ޕޮލޭންޑުން އިތުރު 6,496 މީހަކު ފައްސިވެ، ޖުމްލަ އަދަދު ވަނީ 1,533,511 އަރާފައެވެ.
ރަޝިއާއިން މި ބަލި ޖެހިގެން 452,800 މީހަކަށް ފަރުވާ ދެމުން އަންނައިރު، އެގައުމުން ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 3,389,913 މީހެކެވެ. ޕޮލޭންޑުން މި ބަލި ޖެހިގެން 207,004 މީހަކަށް ފަރުވާ ދެމުން އަންނައިރު، 1,288,163 މީހަކު ވަނީ ބަލި ޖެހިގެން ރަނގަޅުވެފައެވެ.