އިރާގާއި ސީރިއާގައި ޙަރަކާތްތެރިވެ އެޤަައުމުތަކުގެ ބިން ފޭރިގަތުމަށް މަސައްކަތްކުރާ ހައްދުފަހަނައަަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިސް ސްޓޭޓް (އައިއެސް) އިން ދިން ޙަމަލާއެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ 12 މެމްބަރަކު މަރާލައިފިއެވެ.

މި ޙަމަލާ އާއި ގުޅިގެން އިރާގުގެ ސަލާހުއްދީން ޕްރޮވިންސްގެ ގަވަރުނަރު، އައްމާރު ޙިކްމަތު ނޫސްތަކުގައި ބުނެފައިވަނީ، އައިއެސްގެ ހަނގުރާމަވެރިން މި ޙަމަލާ ދިނީ އެޤައުމުުގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ އަލް ފަރަހަތިއްޔާ ނަމަކަށްކިޔާ އަވަށަކަށް ކަމަށާއި، އެ ޙަމަލާ ސީދާ އެ އާއިލާއަށް އަމާޒުކުރީ ކީއްވެކަން އަދި ނޭނގޭ ކަމަށެވެ.

މި ޙަމަލާ ދީފައި މިވަނީ، އިރާގުގައި އައިއެސް އިން އަތްގަދަކޮށްގެން އުޅުނު ހުރިހާ އަވަށެއް އަނބުރާ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އައިއެސް އިން ފޭރިގަނެފައިވާ އަވަށްތަކުން އެ ޖަމާޢަތުގެ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ފައްސާލުމުން، އެކަމާއި ނުރުހުންވެ އެ ފަރާތްތަކުން ފަހުން ޙަމަލާތައް އަމާޒުކުރަން ފެށީ އިރާގު ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށެވެ.

އައްމާރު ޙިކްމަތު ބުނެފައިވަނީ، އައިއެސް އިން ދިން ވަރުގަދަ ޙަމަލާއެއްގައި އެއް އާއިލާއެއްގެ ބާރަ މެމްބަރުން މަރާލިއިރު، އެއީ އިރާގު ސިިފައިންގެ މީހަކު ނިސްބަތްވާ އާއިލާއެއްކަމެއް އަދި ޔަޤީން ކުރެވިފައި ނުވާކަމަށެވެ.

އައިއެސްއިން މީގެ ކުރިންވެސް ވަނީ އިރާގުގެ އަވަށްތަކަށް މިފަދަ ޙަމަލާތައް ދީ ސިފައިންނާއި ކުށެއްނެތް ޢާންމުންގެ އެތައް ބަޔަކު މަރާލާފައެވެ. އޭގެތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންވެސް ގިނަ ޢަދަދަކަށް ހިމެނެއެވެ.

އެ ޖަމާޢަތުން ޢާންމުންނަށް ޙަމަލާތައް އަމާޒުކުރަމުން މިދަނީ، އިރާގާއި ސީރިޔާއިން އެ ޖަމާޢަތުގެ އަތްދަށުގައިވާ ބިންތައް އަނބުރާ އަތުލުމުން، ޖަމާޢަތުގެ ބާރު ކުޑަވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެއާއި އެކު ހަނގުރާމަވެރިން ދަނީ، އެކި ސަރަޙައްދުތަކުގައި ފިލައިގެން ތިބެ، ބަލިނުވާކަން ހާމަކުރުމަށް އެތައް ބަޔަކު މަރަމުންނެވެ.