ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް ބަލިމަޑު ކަމަކީ ކޮވިޑް-19ގެ ބަލި މަޑު ކަމެވެ. މި ބަލީގައި އެތައް ބަޔަކު ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ސައިންސްވެރިން އަންނަނީ ބައްޔާ ހަނގުރާމަ ކުރުމަށް ވެކްސިނެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިނެއް މިވަގުތު އުފައްދާފައިވާއިރު، މިހާރު އެއަށްވުރެ ހާސްވެ، ކަންބޮޑުވާ ކަމެއް ވަނީ ދިމާވެފައެވެ. އެއީ ކޮވިޑް-19ގެ އާ ވައްތަރުތައް ދުނިޔޭގެ އެކި ހިސާބުތަކުން ފެނުމުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19ގެ 4000 ވައްތަރެއް ދުނިޔޭގެ އެކި ހިސާބުތަކުގައި މިވަގުތު އެބަ ފެތުރެއެވެ.

ކޮވިޑް-19 ގެ އާ ވައްތަރެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުންނެވެ. މި ވައްތަރު މިވަގުތު ގިނަ ގައުމުތަކަށް ފެތުރި ވަނީ އެތަށް ބަޔަކަށް ބަލި ޖެހިފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އަލަށް ފެނިފައިވާ ވައްތަރުތަކަކީ މީގެ ކުރިން ފެނުނު ވައިރަސް އަށްވުރެ މާ ހަލުވި ކަމާ އެކީ ފެތުރޭ ވައިރަސްއެކެވެ. މީގެ ކުރިން ބަލި ޖެހިގެން އެކަކު ގައިން އެންމެ މީހެއްގެ ގަޔަށް ބަލި އަރާއިރު، މި ވައްތަރުގެ ސަބަބުން އެކަކުގެ ގައިން ފަސް މީހުންގެ ގަޔަށް އަރާކަން ވެސް ވަނީ ފާހަގަ ވެފައެވެ. އަދި ބަލި ޖެހުމުން މަރުވާ މީހުންގެ އިންސައްތަވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މި ބަލި ޖެހިފައި ހުރިކަން ދެނެގަންނާނީ ކިހިނެތްތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. އެ ސުވާލުތަކަށް ޖަވާބުދޭ އިރު ބުނެވޭނީ އެއްވެސް ގައުމަކުން އާ ވައްތަރުގެ ކޮވިޑް-19 ޖެހިގެން އިތުރު އަލާމާތްތަކެއް ފެނިގެން އެކަން ހާމަ ކޮށްފައި ނުވާ ކަމެވެ. އާންމު ގޮތެއްގައި އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ކެއްސުން އަދި ވަސް ބެލުމުގެ ހިއްސު އާއި ރަހަ ބެލުމުގެ ހިއްސު ދަށްވުމެވެ.

ނަމަވެސް އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ހެދި ސާވޭއެއްގައި ބުނެފައިވަނީ އާ ވައްތަރު ޖެހޭ މީހުންނަށް ކެއްސުމާއި ކަރުގައި ރިއްސުން އަދި ބަނޑުގައި ރިއްސުން އާދަޔާއި ހިލާފަށް ގަދަވާނެ ކަމަށެވެ. އަދި ވަސް ބެލުމުގެ ހިއްސު އާއި ރަހަ ބެލުމުގެ ހިއްސު އެހާ ދަށް ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިސާވޭ އަށް މައުލޫމާތު ހޯދާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން މިދިޔަ މަހުގެ 16 ވަނަ ދުވަހަށެވެ.

ސާވޭ އިން ދައްކާގޮތުގައި މީގެ ކުރިން 27 އިންސައްތަ މީހުން ކެއްސުމުގެ އަލާމާތްތައް ދެއްކިއިރު، މިހާރު އެ އަދަދު ވަނީ 35 އިންސައްތަ އަށް އިތުރުވެފައެވެ.