މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި އިންޑިއާއިން 18 މީހަކު މަރުވެއްޖެއެވެ.

އިއްޔެ އާއި މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ ގިނަ ބަޔަކު މަރުވެފައި މިވަނީ، ވައިގަދަވި ވަގުތުގައި ބޮޑެތި ގަސްތަކާއި ފާރުތައް ވެއްޓި ހިނގި ހާދިސާތަކުގައެވެ.

ހުކުރު ދުވަހުން ފެށިގެން އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް އާދަޔާއި ޚިލާފަށް ވައިބާރުވެފައިވާއިރު، އެޤައުމުގެ އިދާރާތަކުން ބުނެފައިވަނީ، ބައެއް ހިސާބުތަކަށް ގަޑިއަކު ސަތޭކަ ކިލޯމީޓަރަށް ވައިބާރުވި ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ ދެ ދުވަހު މަރުވި މީހުންގެ ތެރޭގައި ހިމެނޭ 16 މީހަކު މަރުވީ، މޫސުން އެންމެ ބޮޑަށް ގޯސްވި އުއްތަރ ޕްރަދޭޝްއިން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް ވިއްސާރަކޮށް މޫސުމީ ހާދިސާތައް ހިނގަމުންދާއިރު، މިދިޔަ އޭޕްރިލް މަހުން ފެށިގެން މިހާތަނަށް މޫސުމީ ހާދިސާތަކުގައި 200 އަށްވުރެ ގިނަ މީހަކު އެޤައުމުން ވަނީ މަރުވެފައެވެ.

އިންޑިއާގެ އިދާރާތަކުން ބުނެފައިވަނީ، މި އަހަރަކީ މޫސުމީ ހާދިސާތަކުގައި، އެހެން އަހަރުތަކާއި ޚިލާފަށް ގިނައިން އެޤައުމުން މީހުން މަރުވަމުންދާ އަހަރެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ އިތުރު ހާދިސާތައްވެސް ހިނގައި މީހުން މަރުވާ ޢަދަދު މައްޗަށް ދިއުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެފަރާތްތަކުން ވަނީ އެދިފައެވެ.

އަރަބި ކަނޑުގައި ދާދިފަހުން އުފެރުނު ބާރުގަދަ ތޫފާން، "ތޫފާން މެކުނު"ވެސް އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް އަރާފައިވާއިރު، އެ ތޫފާނުގައިވެސް އެޤައުމަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.